ޚަބަރު
އިހުސާންގެ މައްސަލަ ބަލަން ނިންމުމުން އެނގެނީ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަން: ހަމްދާން

ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނާ މައްސަލައެއް ބަލަން ފެށުމުން ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ނުފޯރުވާކަން ދޭހަވެގެންދާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ “ކުރީގެ ވެރިކަމާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސަރުކާރު ހިންގާ ގޮފިން ޝަރުއީ ދާއިރާއަށް ނުވަދެ، ނުފޫޒު ނުފޯރުވާކަން ފާހަގަކުރެވޭ އިތުރު މިސާލު” އެއް ކަމަށް ވިދާޅުވެފަ އެވެ.

ހަމްދާން މިގޮތަށް ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބަލަން ނިންމުމާއި ގުޅިގެން ނެވެ.

މައްސަލަ ފެންމަތިވެފައިވަނީ ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ ވާހަކަ ހުރިގޮތުން ނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މި މައްސަލަ އެޖެންޑާކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލާފަ އެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މީހުން ވަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އެންމެންގެ މައްޗަށް ކުށް ސާބިތު ވާވަރަށް ހެކި ހުރިކަމަށް ބުނެފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގައި ލިބިފައިވާ ހެކިތައް ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިނިސްޓަރު އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

20
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top