ޚަބަރު
ތަރައްގީއަށް އެދޭނަމަ ހަމަނުޖެހުމަށް ގޮވާލާ ޕާޓީއަކަށް ވޯޓު ނުދޭނެ: މުއްތަލިބު
ފޮޓޯ: ސަންގު ނިއުސް

ތަރައްގީއަށް އެދޭ ރައްޔިތަކު ހަމަނުޖެހުމަށް ގޮވާލާ ޕާޓީއަކަށް ވޯޓު ނުދޭނެ ކަމަށް ކޮންސްޓްރަކްޝަނާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ހޮވި ސަރުކާރު ވައްޓާލައި ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމަށް ފާޅުގައި ގޮވަމުންގެންދާ ޕާޓީއަކަށް ވޯޓުލުމަކީ ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް އެދޭ އެއްވެސް ރައްޔިތަކު ކުރާނެކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މުއްތަލިބު މިހެން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރައްވަން ގޮވާލެއްވުމާއި ގުޅިގެން ނެވެ.

ރައީސް ސާލިހު މިގޮތަށް ވިދާޅުވީ މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ތިމަރަފުށި ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ޖަމީލްގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ސާލިހު ވަނީ ރައީސް މުއިއްޒު އަޒުލުކުރައްވަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެކަން ކުރައްވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވެއެވެ. ތ. ތިމަަރަފުށީ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ސާލިހު ވިދާޅުވީ “އަދި އޭގެ އިތުރުން ވެރިއަކަށް ހުންނަ މީހަކާ ދޭތެރޭގައިވެސް، އެފަދަ ކަމެއް ކުރަންޖެހިއްޖެ ޙާލަތެއްގައި، ކުރުމުގެ ފުރުޞަތު އެބައޮތް. އެކަން ޤާނޫނު އަސާސީގައި ލިޔެފަ އެ އޮތީ، މިފަދަ ވަގުތެއް އަތުވެދާނެ ކަމަށް. މިއަދު މި އޮތީ އެ ވަގުތު އައިސްފަ” ކަމަށެވެ.

ސާލިހު މިފަދައިން ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަޖެޓް ފާސްކުރުމާއި ގާނޫނު ހެދުމުގެ އިތުރުން ވަޒީރުންނާއި ސުވާލުކޮށް، ކޮންމެހެން ކުރަން ޖެހިއްޖެނަމަ ވަޒީރުން މަގާމުން ވަކިކުރުން ހިމެނޭ ކަން ފާހަގަކުރައްވަމުން ނެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top