ދުނިޔެ
އިޒްރޭލަށް ފޮނުވި ހަމަލާ ދިހަގުނަ އިތުރުކުރުމަށް އީރާނުން ފާސްކޮށްފި

އިރާނަށް ރައްދުގައި ހަމަލާދޭން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނަމަ އިޒްރޭލަށް ދޭ ހަމަލާތަކުގެ މިންވަރު ދިހަގުނަ އިތުރުކުރުމަށް އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތުގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެއީ 1،000 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލްގެ ހަމަލާތަކަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުން ހޮނިހިރު ދުވަހުގެ ރޭ ދިން ހަމަލާތަކަކީ ހަނގުރާމަ އިއުލާން ކުރުމުގެ ގޮތުގައި ބުނެފަ އެވެ. ރޮއިޓާސްއިން ބުނީ މިހާރު އިޒްރޭލުގެ ހަނގުރާމައިގެ ކެބިނެޓް ވަނީ ކުއްލި ބައްދަލުވުމެއް ކުރިއަށްގެންގޮސްފަ އެވެ. އެބައްދަލުވުމުގައި އިޒްރޭލުގެ ވާ ކެބިނެޓުން ވަނީ އީރާނުން ރޭގައި ދިންފަދަ ވަރުގަދަ ހަމަލާތަކުން ދިފާއުވެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިޒްރޭލަށް ދިން ހަމަލާއާއި ގުޅިގެން ނެވެ. އީރާނުން 400 ވަރަކަށް ޑްރޯން އަދި  100 އަށްވުރެ ގިނަ ކްރޫޒް މިސައިލް އިޒްރޭލުގެ ވައިގެ ސަރަހައްދާއި ދިމާލަށް ފޮނުވާލާފައި ވެއެވެ. އެހެން ނަމަވެސް އީރާނުން ބުނީ އެގައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާތައް ރާވާފައިވަނީ ވިސްނުންތެރިކަމާއި އެކު ކަމަށެވެ. އަދި އޭގެއިން އިޒްރޭލުގެ އިންފްސްޓްރަކްޗާ އަދި އާންމުންނަށް ގެއްލުން ނުވާވަރު ކަށަވަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފައި ވެއެވެ.

އިއްޔެ އީރާނުން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުން ރައްދުގައި ހަމަލާދީފިނަމަ މަސްރަހު ގޯސްވާނެ ކަމުގެ އިންޒާރު ދީފަ އެވެ. އީރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ ވިދާޅުވީ ފަލަސްތީނުގެ މިނިވަންކަން މުޅި ދުނިޔޭގެ މުސްލިމުން ފާހަގަކުރާނެ ކަމަށެވެ. އަދި ޖެރޫސަލެމް އަނބުރާ ފަލަސްތީނުގެ މިލްކުވެރިކަމަށް އަންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އޭގެ އަނެއްކޮޅުން އިޒްރޭލުން ދަނީ ގައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން ނެވެ. ނަމަވެސް، ކުރިން ރޭވި ރޭވުމާއި ހިލާފަށް ރަފާ ސަރަހައްދަށް ހަމަލާދިނުން ފަސްކުރުމަށް ނަތަންޔާހޫ ނިންމާފައި ވެއެވެ. ނަތަންޔާހޫ އެގޮތަށް ނިންމާފައިވަނީ އީރާނުން އިޒްރޭލަށް ހަމަލާދިނުމުގެ ސަބަބުން ނެވެެ. އެއްބައި ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން ވަނީ އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ އަރިހުގައި ވިދާޅުވެފަ އެވެ. ނަމަވެސް، ނަތަންޔާހޫ އެހިޔާލަށް ތަރުހީބު ނުދޭ ކަމަށް ރިޕޯޓްކުރަމުންދާއިރު އަނެއްބައި ރިޕޯޓްތައް ބުނަނީ އިޒްރޭލުން އީރާނަށް ހަމަލާދިނުމަށް ރާވަމުން ދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވުމުގެ ސަބަބުން ރައީސް ޖޯ ބައިޑަން އެކަމުގައި އިޒްރޭލަށް އެހީތެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށް ބޭރުގެ އެއްބައި ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

133
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top