ކުޅިވަރު
ތާރީހުގައި ފުރަތަމަ ފަހަރަށް ލެވަކޫސަނުން ލީގު ކާމިޔާބުކޮށްފި

ބަޔާ ލެވަކޫސަންގެ 120 އަހަރުވީ ދިގު ތާރީހުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފި އެވެ.

ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލެވަކޫސަނުން ޗެމްޕިއަންކަން ހޯދާފައިވަނީ އާދީއްތަ ދުވަހުގެރޭ 5-0 ގެ ނަތީޖާއަކުން ވާޑާ ބްރެމެން ބަލިކުރުމަށްފަހު އެވެ. ވޭތުވެދިޔަ 11 ސީޒަނުގައި ޗެމްޕިއަންކަން ހޯދާފައިވާ ބަޔާން މިއުނިކް ފަހަތަށް ޖައްސާލައި، ލެވަކޫސަނުން ލީގު ކާމިޔާބުކޮށްފައިވަނީ ބާކީ ފަސް މެޗު އޮއްވަ އެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ލެވަކޫސަނަށް ކުރިހޯދަދިނީ ވިކްޓަ ބޮނިފޭސް އެވެ. އެޔަށްފަހު، މެޗުގެ 60 ވަނަ މިނެޓުގައި ގްރޭނިޓް ޝަކާ ލަނޑެއް ޖަހާފައިވާއިރު، ފްލޯރިއަން ވާޓްޒް ވަނީ ހެޓްރިކް ހަދާފަ އެވެ.

ބޮޑު މޮޅަކާއެކު ލެވަކޫސަން އެއްވަނައިގައި އޮތީ 29 މެޗުން 79 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބަޔާން އޮތީ 29 މެޗުން 63 ޕޮއިންޓާއެކު އެވެ.

މިއަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސަން އަކީ މި ސީޒަނުގައި މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. އެގޮތުން، އެ ޓީމުން ވަނީ ބަލިނުވެ 43 މެޗު ފުރިހަމަކޮށްފަ އެވެ. އެ ޓީމުން ލީގު ތަށި އުފުލާލައިފައިވަނީ އަލޮންސޯ ހަވާލުވިތާ 18 މަސް ތެރޭގަ އެވެ. އޭނާ ކޯޗު ކަމާ ހަވާލުވި އިރު، އެ ޓީމު އޮތީ ރެލިގޭޝަނުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.

ލެވަކޫސަނުން މި ހޯދި ތާރީހީ ކާމިޔާބު އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ޔޫރޮޕާ ލީގުގެ ކުއާޓާ އަށް އެ ޓީމު ގޮސްފައިވާއިރު، ޖަރުމަނު ކަޕުންވެސް އެ ޓީމު ވަނީ ފައިނަލަށް ގޮސްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top