ޚަބަރު
ހޯރަފުށީ ކައުންސިލުން ރަސްމީ ގަޑީގައި ކެމްޕެއިންކުރާ ކަމަށް ތުހުމަތުކޮށްފި
ހޯރަފުށި ކައުންސިލް އިދާރާ---ފޮޓޯ: މުހައްމަދު އައިމަން

ހޯރަފުށީ ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިދިކޮޅު އެމްޑީޕީން އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަށް ކެމްޕެއިންކޮށްދޭ ކަމަށް ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް-ޕީއެންސީން ތުހުމަތުކޮށްފި އެވެ.

ޕީއެންސީން މިއަދު  ނެރުނު ބަޔާނެއްގައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރިކޮށްފަ އެވެ.

“އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުން މި ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުގެ އިތުރުން، ހޯރަފުށީގައި ހުރި ކައުންސިލްގެ ހުރިހާ ވަސީލަތްތައް ދަނީ ބޭނުންކުރަމުން. އެގޮތުން ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި، ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދާހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދޭ” ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުން ކަމަށް ޕީޕީއެމް/ޕީއެންސީއިން ތުހުމަތުކޮށްފައި ވެއެވެ. އަދި އެ އިންތިހާބާ ދިމާކޮށް ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށްވެސް ބުނަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހްގީގުކުރުމަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލާފައި ވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top