ޚަބަރު
މުއާމަލާތުގެ ހުރިހާ ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދެއްވާ: ރައީސް

އޮފީސްތަކާއި ހަބަރު ފަތުރާ ވަސީލަތްތަކާއި، ތައުލީމާއި، މުއާމަލާތުގެ ހުރިހާ ދާއިރާއަކުންވެސް ދިވެހި ބަހަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރައްވަން ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ދިވެހި ބަހުގެ އިލްމު އުނގެނުމަށް ބާރުއަޅުއްވައި އެމަނިކުފާނު އިލްތިމާސް ކުރެއްވީ، އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި، ދިވެހި ބަހަށް ފަރިތަކަން ލިބިގަތުމަށެވެ. ހަމަ އެއާއެކު، ދިވެއްސަކަށް ވީތީ ފަހުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ގައުމު އަލިވިލޭން ޖާގަ ދެއްވުމަށް ކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ބަޔާން ކުރައްވާފައި ވެއެވެ.

މި ސަރުކާރުން ފަށާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ބޭނުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލިއަޅުއްވައިލައްވާފައި ވެއެވެ. އަދި އެކަންކަމުން ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.

ދިވެހިބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމު ޙުސައިން ސަލާހުއްދީނަށްކަން ބަޔާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީނުގެ ހަޔާތްޕުޅުން ލިބިގެންދާ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ދިވެހި ބަހުން ކިޔަވައިގެން އިލްމުވެރި ވެވިދާނެކަމާއި، އެހެން ބަސްބަހުގެ އިލްމުތައް ދިވެހި ވެށްޓަށް ގެނެވިދާނެކަމާއި، އަމިއްލަ މާދަރީ ބަހަށް މޮޅުވުމުން އެހެން ބަސްބަހާއި އިލްމުތަކަށް މޮޅުވެވޭކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top