ޚަބަރު
ހިއްކުނު އެންމެ ބޮޑަކަށް ފީއަލީގެ ބިން ހިއްކާނަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. ފީއަލީގައި ވާހަކަދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ފީއަލިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެރަށުގެ ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފީއަލީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ.

“އަޅުގަނޑު ކެމްޕެއިނުގެ ތެރޭގަވެސް އެ ވައުދުވިން. ވައުދުވީ ފުއްދުމުގެ ބޭނުމުގައި. އެހެންވީމަ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ ބޮޑަކަށް ހިއްކާނަން. ބާކީ ފަޅުތެރޭގަ އޮތް ޖާގައާ އެކީގައި ރައްޔިތުން އެދޭ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދާނަން.. މިހާރު ފެށިފައިވާ މަޝްރޫއު ނިންމާލާއިރު އަޅުގަނޑު ވައުދުވީގޮތަށް އެ މަސައްކަތް ކުރިއަށްދާނީ. މިއަދުވެސް ތިބޭފުޅުންނަށް އެޔަގީންކަން އަރުވަން. ” ރައީސް ވިދާޅުވި އެވެ.

މި މޭރުމުން ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ  އެ ރަށު ފަޅުން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް ބިން ހިއްކުމުގެ ފުރުސަތު އޮތިއްޔާ، އިތުރަށް ބިން ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތަށް ކަންތައްކުރުމުން ފީއަލިއަށް ދިމާވެފައިވާ ބިން ހިއްކުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއާއި ސްކޫލުގެ ފެންވަރު ރަނގަޅުކުރުމާއި ކުޅިވަރާއި ގުޅުންހުރި އެކި ކަހަލަ ކޯޓުތައް އެޅުންފަދަ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ތަރައްގީގެ ކަންކަން އަމަލީ ގޮތުން ފުއްދާދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް އަމަލީގޮތުން ހަރަކާތްތެރިވެވޭނެ އިންތިޒާމެއް ނެތް ކަމަށެވެ. ކައުންސިލުގެ ބަޖެޓުން ލިބޭ މަދު އެތިކޮޅަކުން އަންހެނުންގެ ކޮމިޓީ މެންބަރުންނަށް އެލަވަންސް ދޭން ޖެހޭ ކަން ރައީސް ފާހަގަކުރެއްވި އެވެ. ރޯދަ މަހުގެ އެލަވަންސާއި އެހެނިހެން އިނާޔަތްތަކާއި ވިހެއުމުގެ ޗުއްޓީ ނުލިބުމާއި ލޯނަށް އެޕްލައިކުރުމުގައި މި މެންބަރުންނަށް ދަތިތަކެއް ދިމާވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. ވީމާ އަންހެނުންގެ ކޮމިޓތަކުގެ މެންބަރުންނަށް ހައިސިއްޔަތު ދެއްވައިގެން އެ މެންބަރުން ބާރުވެރިކުރަން ބޭނުންފުޅުވާކަން ރައީސް ހާމަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ގައުމަށް ތަަރައްގީ ގެނެސްދެއްވުމަށްޓަކައި ބާރު ދުވެލީގައި މަސައްކަތް ކުރައްވަން ކަމަށެވެ.

“އަޅުގަނޑު ބޭނުންވަނީ އެންމެ ދުވަހެއްވެސް ފަހަތަށް ނުޖެހި، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުން” ރައީސް ވިދާޅުވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top