ދުނިޔެ
އީރާނުން އިޒްރޭލަށް އަމާޒުކުރި ޑްރޯންތައް އަރަބި ގައުމުތަކުން ވައްޓަނީ
ހިޒްބުއްﷲއިން އިޒްރޭލަށް 12 އޭޕްރީލްގައި ފޮނުވި ރޮކެޓް ހަމަލާތައް

މިރޭގެ ވަގުތެއްގައި އީރާނުން އިޒްރޭލުގެ ވައިގެ ސަރަހައްދަށް ފޮނުވި ޑްރޯންތައް ވައްޓަން ފަށައިފި ކަމަށް ރިޕޯޓްކޮށްފި އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިހާރު އުރުދުން އިން ދަނީ އީރާނުން ފޮނުވި “ޝާހިދް ސުއިސައިޑް” ޑްރޯންތައް އެގައުމުގެ ވައިގެ ސަރަހައްދުން އިންޓަސެޕްޓް ކުރަން ފަށާފަ އެވެ. އަދި ސީރިޔާއިންވެސް އުރުދުންއެކޭ އެއްގޮތަށް ޑްރޯންތައް ވައްޓަން ތައްޔާރަށް ތިބި ކަމަށް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އިރާގާއި އުރުދުން އިން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދަށް އެތެރެވާ ޑްރޯންތައް ވައްޓަން އިންޒާރުދީފަ އެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އީރާނުން އިޒްރޭލުގެ ވައިގެ ސަރަހައްދަށް 100 އެއްހާ ޑްރޯންތައް ފޮނުވާފައިވާ ކަމަށެވެ.

އީރާނުން އިޒްރޭލު ކިބައިން ބަދަލުހިފުމަށް ހަމަލާ ދޭނެ ކަމަށް ބުނިފަހުން މިއަދުގެ ވަގުތެއްގައި އިރާނުގެ އަސްކަރިއްޔާއިން ވަނީ ހަރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އިޒްރޭލާއި ގުޅުންހުރި ބޯޓެއްވެސް ހިފަހައްޓާފަ އެވެ.

މިކަމާއި ގުޅިގެން ލުބުނާނުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.

ސަރަހައްދީ ހަމަނުޖެހުމުގެ ސަބަބުން އެގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރާނެ ކަމަށް ލުބުނާނުގެ ޕަބްލިކް ވޯކްސް އެންޑް ޓްރާންސްޕޯޓުން މިރޭ އިއުލާންކޮށްފައި ވެއެވެ. ލުބްނާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތަން ބަންދުކުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށާއި، އެތަން ބަންދުކުރުމަށް އަމަލުކުރަން ފަށާނީ މިވަގުތުން ފެށިގެން (ލުބްނާން ގަޑިން) މާދަމާ ހެނދުނު 7 ޖަހަންދެން ކަމަށެވެ.

ލުބްނާން ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު ހިޒްބުއްﷲއިން މި ހަމަލާ ދީފައިވަނީ މިރޭގެ ވަގުތެއްގައި އީރާނުން އިޒްރޭލަށް ހަމަލާދިނުމުގެ ގޮތުން ސުއިސައިޑް ޑްރޯންތައް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

ލުބުނާނުން ރޮކެޓް ހަމަލާއެއް ދިން ވަގުތުކޮޅު އިޒްރޭލުގެ އުތުރުގެ ކޮމިއުނިޓީ ސްނިރުގައި ސައިރެންސް އަޑު އިވެމުންދާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައި ވެއެވެ. ގައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ހިޒްބުالله އިން އަންނަނީ ކޮންމެ ދުވަހަކު އިޒްރޭލުގެ އުތުރު ސަރަހައްދަށް ހަމަލާތައް ދެމުން ނެވެ.

މިހަމަލާގައި ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް އަދި މިވަގުތަށް ލިބިފައެއް ނުވެ އެވެ.

އޭގެ އަނެއްކޮޅުން، މިސްރުގެ ވައިގެ ސަރަހައްދު ބަންދުކޮށް، އެ ގައުމުގެ އަސްކަރިއްޔާވެސް ހައި އެލާޓަށް ގެނެސްފައި ވެއެވެ. އަދި އެ ގައުމުގެ ވައިގެ ޑިފެންސް ސިސްޓަމްވެސް ހައި އެލާޓަށް ގެނެސްފައިވާކަމަށް އެ ގައުމުން ބުނެ އެވެ.

9
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top