ޚަބަރު
ރައްޔިތުން ފަހުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދާނަން: ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިލަންދޫ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް

ފ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އާބަން ސެންޓަރަކަށް، ނިލަންދޫ ހަދާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާ ގޮތަކަށް ކަންކަން ކުރުންކަމުގަ އެވެ. އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މާސްޓާ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ގާއިމުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ހާއްސަގޮތެއްގައި ނިލަންދޫގެ ތަރައްގީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫއު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި 2 ރިސޯޓެއް ތަރައްގީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްގީ ކުރުމަށް މަސައްކަތްކުރައްވާނެކަމުގަ އެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން “އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ހިދުމަތް ދޭން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

ހަގީގީ މާނައިގައި، އިހްލާސްތެރިކަމާއެކީގައި، މި ގައުމަށް ހަމަޖެހުން ގެންނަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު މި ބައްދަލުވުމުގައި އަލިއަޅުވާލެއްވި އެވެ. އެގޮތުން “ސިޔާސީ ވީމަ ބަދަލު ހިފުން އެއީކީ ކުރާނެކަމެއް ނޫން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމަ އެއާއެކު އެމަނިކުފާނަށް މުހިންމީ ‘ބާރު ސްޕީޑު’ ގައި ތަރައްގީ ގެނައުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ އަވަހަށް ތަރައްގީ ގެނައުމަށް ފުރުސަތު ފަހިވެގެން ދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top