ޚަބަރު
މިނިސްޓްރީގެ އަމާޒަކީ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެނައުން: ފައިސަލް
ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ލ.ގަމު ރައްޔިތުންނާއި މުހާތަބުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެނައުން ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް އިއްޔެގައި މިފަދައިން  ވިދާޅުވީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލ. ގަމުގެ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

ލ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރު ފައިސަލް ވިދާޅުވީ ލ. އަތޮޅުގެ 4 ރަށެއްގައި ރިޒޯޓްތައް އެޅުމަށް މި ސަރުކާރުން ރާވާފައިވާ ކަމަށެވެ. އަދި ލ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުސަތުތައް ލިބޭނެ ސަގާފީ ތަރިކަތައް އޮންނަ އަތޮޅަކަށްވުމުން އެ އަތޮޅުގެ ކައުންސިލުން ފާހަގަކުރެއްވި އެކި ކަންތައްތަކަށް ރިއާޔަތްކޮށް އެ ސަރަހައްދުގެ ފަތުރުވެރިކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެކަން އެގޮތަށް ކުރެވޭނީ ކުރިއަށް އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ މި ސަރުކާރުގެ މެންބަރުންނަށް ލިބިގެން ކަން ފައިސަލްގެ ވާހަކައިގައި ފާހަގަކުރެެއްވި އެވެ. އަދި މިހާރުވެސް އެ އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަމުންދާ ކަމަށްވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

“ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެނައުން. އެގޮތުން އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބުނީމަ، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ލ. އަތޮޅު ކަހަލަ ޓޫރިޒަމް ނެތް ތަންތަނުގައި މި ރަށްތައް ދޫކުރުމުގައި ހުރި ބޮޑެތި އަގުތައް ތިރިކޮށް އިތުރަށް އިންވެސްޓަރުން އެޓްރެކްޓް ކުރެވޭ ގޮތްތައް އަޅުގަނޑުމެން ހަދާނަން”

އެއާއެކު، ފައިސަލް ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިވެގެން އެރަށްތައް ޕްރޮމޯޓްކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

“މިތާނގައި ހުރި ޔުނީކް ސެލިންގް ޕޮއިންޓްތައް ދެނެގަނެ، (އެތަަންތަން) ދަފްތަރުކުރާނަން. އަދި ސާފިން ޕޮއިންޓްތަކާއި ކޯމަސް އަދި މަންޓާ ކަހަލަ ކަނޑުގެ ގުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭނެ ގޮތަށް އެ ޑޮކިއުމެންޓްރީތައް ތައްޔާރުކޮށް އެމްއެމްޕީއާރްސީން ހާއްސަކޮށް ކޮންމެ އަތޮޅަކަށްވެސް ބަޖެޓެއް އެކުލަވާލެވި، ލ. އަތޮޅު ދުނިޔޭގެ އެކި މާކެޓްތަކަށް ދައްކާލުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން” ފައިސަލް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ފައިސަލް އިތުރަށް ވިދާޅުވީ ލ. އަތޮޅުގެ ރަށްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ އެއާ ފެއާ ބޮޑުކަމުން އެ އަތޮޅުގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އަތޮޅު ކައުންސިލުން ރައީސް އަރިހުގައި ފާޙަގަކުރި ކަމަށެވެ. ރައީސް ވަނީ އެކަމަށް ހައްލެއް ގެނެސްދެއްވުމުގެ ގޮތުން ރަނގަޅު އެއާފެއާ ޕެކޭޖެއް ހަމަޖައްސަވައިދެއްވަން ޖަވާބުދެއްވާފައި ކަމަށް ލ. އަތޮޅުގެ ރައްޔިތުންނަށް ފައިސަލް މައުލޫމާތު ދެއްވި އެވެ.  ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ގާއިމުކޮށް، އެރަށުގައި އާންމުންނަށް ޗުއްޓީ ހޭދަކުރެވޭނެ މަގުފަހިކުރުމުގެ އިތުރަށް ލޯކަލް ގެސްޓްހައުސްތައް ހިންގުމުގެ ފުރުސަތުވެސް ހުޅުވާދެއްވާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވިގޮތުގައި ލ. އަތޮޅުގައި އޮންނަ ބޮޑުފިނޮޅުގައި ރިޒޯޓެއް އަޅަން އިންވެސްޓަރަކު މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް ނިމިދިޔަ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދެވުނަ ނުދީ އެ އިންވެސްޓަރަށް  ބަދަލުދީފައިވާ ކަމަށެވެ. މިހާރު އެރަށް ޓުއަރިޒަމް މިނިސްޓްރީގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެރަށުގައި ޓުއަރިޒަމްގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދަން މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ލ. އަތޮޅުގެ ފަތުރުވެރިކަމަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެސްދެވޭނީ އެއަތޮޅުގައި އެކަށީގެންވާ މިންވަރަށް ޓޫރިޒަމަށް ހާއްސަ އެނދުތައް ގިނަކޮށްގެން ކަމަށް ފައިސަލް އިތުރަށް ވިދާޅުވި އެވެ.

“ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި، އަދި ކައްދޫގައި އަޅުގަނޑުމެން މި ޕްލޭންކުރާ ޕްރޮޖެކްޓާއި، އަދި ލ. އަތޮޅުގެ ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި، އެހެންކަމުން އެ މަސައްކަތް އަޅުގަނޑުމެން މިހާރު އިންވެސްޓަރުންނާއެކު މިދަނީ ކުރިއަށް. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ މި 5 އަހަރު ނިމޭއިރު އެންމެ މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީކުރުން”. ފައިސަލް ވިދާޅުވި އެވެ.

ލ. އަތޮޅުގެ ކޮންމެ ރަށެއް ކައިރީގައި ރިޒޯޓެއް އޮންނަން ކައުންސިލުތަކުން އެދިފައިވާތީ މިއަހަރު ތެރޭގައި ދުބާއީ ހިމެނޭހެން 3 ގައުމެއްގައި އިންވެސްޓްމެންޓް ފޯރަމެއް ބާއްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top