ޚަބަރު
މާލެއާ އެއް ފެންވަރަކަށް އައްޑޫ ތަރައްގީ ކުރަން ބޭނުން: ރައީސް

ރާއްޖޭގައި މިހާރު އޮތް އެންމެ ތަރައްގީވެފައިވާ ރަށްކަމަށްވާ މާލެއާ އެއް ފެންވަރަކަށް އައްޑޫވެސް ތަރައްގީ ކުރަން ބޭނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އައްޑުއަށް ވަޑައިގެން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވޭނީ ދެކުނާއި އުތުރުގެ ހަތަރު އަތޮޅު އަދި މެދުއަތޮޅުތަކުގެ ހަތް އަތޮޅު ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ. އެގޮތުން ދެކުނުގެ ހަތަރު އަތޮޅުގެ މައި ހަބަކީ އައްޑޫކަމަށާއި އައްޑޫ ސިޓީ ތަރައްގީ ކުރުމަށް އެމަނިކުފާނުގެ ޕްލޭނުގައި ވަރަށް މުހިންމު ކަމެއް ދީފައިވާކަމަށެވެ.

އައްޑޫ ތަރައްގީ ކުރުމުގެ ޕްލޭންއަކީ މިހާރު ލިޔުމަށް ތިރިކުރެވިފައިވާ ޕްލޭންއެއް ކަމަށާއި އެ ޕްލޭން ހަގީގަތަކަށް ހެދޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑު ބޭނުން ވަނީ މާލޭގެ ތަރައްގީ، މާލޭގައި ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް މާލެއާ އެ ފެންވަރުގައި ހުރިހާ ކަމެއް ވެސް ސިއްހީ ނިޒާމު ވެސް ތައުލީމީ ނިޒާމު ވެސް ގެދޮރުވެރިކަން ވެސް މާލެއާ އެއްފެންވަރަކަށް އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް މި ސިޓީ ހަދައި ދިނުން.

އައްޑޫ ތަރައްގީގެ ޕްލޭންއަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މި ޕްލޭންގެ އެންމެ މުހިންމު މަޝްރޫ މިހާރުވަނީ ފެށިފައިކަމަށާއި އެއީ ހުޅުމީދޫ އާއި ހިތަދޫ ގުޅާލާ ބްރިޖް ކަމަށެވެ. އަދި މި މަޝްރޫގެ ތެރެއިން މިހާރު ކަނޑުގެ އަޑީގެ ސާވޭ ނިމިފައިވާ ކަމަށާއި ބްރިޖް ޑިޒައިންގެ ތިންބައިކުޅަ އެއްބައި މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން އައްޑޫ ބްރިޖްގެ މަޝްރޫ އެއްކޮށް ނިންމާލުން ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް އެމަނިކުފާނު ގެންގުޅުއްވާ ޕްލޭނާއެއްގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ވަނީ އެދިލައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top