ޚަބަރު
ޝުޖާއު އަސްލަމަށް: އޭރު ބާރު އޮއްވާ ވިދާޅުވީ ޔާމީން މިިނިވަން ނުކުރަން
ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު---ފޮޓޯ: ސަންގު ނިއުސް

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އެމްޑީޕީ އަތުގައި ބާރު އޮއްވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެކޮޅު ހެއްދެވި ކަމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު މިފަދައިން ވިދާޅުވީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިއުމާއި ގުޅިގެން އަސްލަމް ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެން ނެވެ. ޝުޖާއު ވަނީ މީގެ ކުރީގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ “ހަރާމް ހުކުމް” ބާތިލު ނުކުރި ބަޔަކު މިހާރު އެމަނިކުފާނުގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރެއްވުން މާ ރަނގަޅު ނޫންކަން ފާހަގަކުރައްވާފަ އެވެ.

“އަސްލަމް ތިބޭފުޅާތީ އެންމެ ތާހިރު މީހާ ތިވާހަކަ ދައްކަން! ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހަރާމް ހުކުމް މައްސަލާގައި ތިބޭފުޅާއާއިވެސް އަޅުގަނޑުމެން ގޮސް ވާހަކަ ދެއްކީމޭ ތިބޭފުޅާގެ ވެރިކަމުގަ. (އަސްލަމް) ދެއްވި ޖަވާބު ކަންފަތުގަ އެބަހުއްޓޭ ހަރުލާފަ. ތިބޭފުޅާ އެދުވަހު ވިދާޅުވީ ރައީސް ޔާމީން އޮންނަންޖެހޭނީ ޖަލުގަ ކަމަށް. ގެއަށް ބަދަލު ކުރެވޭނީ އިބޫ އަށް 2ވަނަ ދައުރެއް ލިބުނީމަކަމަށް. ނަމަވެސް މިނިވަނެއް ނުކުރެވޭނެ ކަމަށް. މިއަދުވެސް ތިބޭފުޅުންގެ އަތުގަ ބާރު އޮތީ” ޝުޖާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކޯޓު މައްސަލައިގެ ޝަރީއަތް ލަސްވާތީ އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެން ނެވެެ.

އަސްލަމް އެގޮތަށް ވިދާޅުވީ މި މަސް ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވީ ނަމަވެސް އަދިވެސް 4 މަސް ފާއިތުވީއިރުވެސް އެ މައްސަލަ އޮތީ ހުކުމް ކުރަން ޖެހޭ ހިސާބުގައި ކަމަށެވެ. އަސްލަމް ވަނީ ސަރުކާރުން އެކަމުގެ ތެރެއަށް “އަތްބާނާ” ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހުންނާތީ މާދަމާ އަޅުގަނޑުމެން އެމައްސަލަ ބަލުވާނަމޭ ޖޭއެސްސީން” އަސްލަމް ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top