ޚަބަރު
އަސްލަމް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސާރުކޮށްގެން: ޝިޔާމް
މުހައްމަދު އަސްލަމް---ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުންނެވީ ޖޭއެސްސީ ހިސާރުކޮށްގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް  އަސްލަމް ހުންނެވީ ފުއްގަނޑެއް މޮޑޭހެން ޖޭއެސްސީ ހިސާރުކޮށްގެން ކޯޓުތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.

މީގެ ކުރީގައި މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުކަން ކުރެއްވި ޝިޔާމް މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކޯޓު މައްސަލައިގެ ޝަރީއަތް ލަސްވާތީ އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެން ނެވެެ. މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިއަހަރުގައި ބާއްވާ މަޖިލީސް އިންތިހާބު ނިމުމުން، ޕީއެންސީން އެކަންތައް ނިމުމަކަށް ގެންނާނެ ކަމަށެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ މި މަސް ތެރޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް ނިމިފައިވީ ނަމަވެސް އަދިވެސް 4 މަސް ފާއިތުވީއިރުވެސް އެ މައްސަލަ އޮތީ ހުކުމް ކުރަން ޖެހޭ ހިސާބުގައި ކަމަށެވެ. އަސްލަމް ވަނީ ސަރުކާރުން އެކަމުގެ ތެރެއަށް “އަތްބާނާ” ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހުންނާތީ މާދަމާ އަޅުގަނޑުމެން އެމައްސަލަ ބަލުވާނަމޭ ޖޭއެސްސީން” އަސްލަމް ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top