ޚަބަރު
ކޮވިޑް ތެރޭގައި ނެގި ލޯންތަކުގެ އިންޓްރަސްޓް މައާފްކުރައްވައިފި

ކޮވިޑުގެ ތެރޭގައި ސްމޯލް ޓު މީޑިއަމް އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ.) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން  (އެޗް.ޑީ.އެފް.ސީ.) މެދުވެރިކޮށް އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކޮށްދޭން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ ރޭ ލ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު މި ލޯނުތަކަށް އަރާފައިވާ އިންޓްރެސްޓް މާފުކުރުމަށް އެދި ހުށަހެޅޭނެ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ކޮވިޑާ ގުޅިގެން އެކި ފަރާތްތަކުން ނެގި ލޯނުތަކަށް އިންޓްރެސްޓް އަރަމުންގޮސް މީހުންނަށް އެފައިސާ ދައްކަން އުނދަގޫވާވަރު ވެފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ރައްޔިތުންނަށް އިތުރު ލުޔެއް ހޯދައިދެއްވުމަށް ފަހިކޮށްދެއްވި ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

ފޮނަދޫގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، ފޮނަދޫއާއި އަދި މުޅި އަތޮޅާއި، މުޅި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމައެހެންމެ ފޮނަދޫ ތަރައްގީކުރާނީ ރާއްޖޭގެ 7 ސަރަޙައްދެއްގައި ކަނޑައަޅާ އާބަން ސެންޓަރުތަކުގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ގެދޮރުވެރިކަމަށް އިސްކަން ދެއްވާނެކަމަށާއި، އަދި ފޮނަދޫގެ ބިން އިތުރަށް ހިއްކައި، އެރަށުގައި ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މުޅި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ހައްދުންމަތީގެ އެކި ދާއިރާތަކުގެ ރަށްތައް ކައިރިން އެކި ކޮންސެޕްޓުތަކުގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ތަރައްގީކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެސްޑީއެފްސީން ބުނީ ކަސްޓަމަރުންނަށް ލުއިކޮށްދިނުމުގެ ގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފްތާގެ ތެރޭގައި ލޯނު ނަގާފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ލޯނުގެ އިންޓްރަސްޓް ރޭޓް މާފުކުރުމުން އަންނަ ބަދަލުތައް ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހިއްސާކޮށްދޭނެ ކަމަށެވެ.

މިހާތަނަށް އިންޓްރަސްތްގެ ގޮތުގައި ދައްކާފައިވާ ފައިސާ ލޯނުގެ ޕްރިންސިޕަލް އަދަދުން އުނިކުރެވިގެން ދާނެ ކަމަށް އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީން ބުނީ މިގޮތަށް އުނިކުރުމުން އެއްވެސް ފައިސާއެއް ލޯނުގެ ޕްރިންސިޕަލަށްވުރެ އިތުރަށް ދެއްކިފައިވާނަމަ އެފައިސާ އަނބުރާ ރައްދުކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް ލޯނު އަނބުރާ ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކަށްވެސް ލޯނުގެ އިންޓްރަސްޓްގެ ގޮތުގައި ދައްކާފައިވާ އަދަދު އަނބުރާ ރައްދުކޮށްދޭނެ ކަމަށްވެސް އެސްޑީއެފްސީން ބުނެފައި ވެއެވެ.

މީގެ އިތުރަށްވެސް ކޮވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކޮށްފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު، ލޯނު ދޫކުރެވިފައިވާ ތާރީހުން ފެށިގެން ޖުމްލަ 10 އަހަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް އެސްޑީއެފްސީން މައުލޫމާތުދީފައި ވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top