ފުލުހުން

ފުލެޓް ލިބިފައިވާކަމަށް ބުނެ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ފޭރިގަނެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފްލެޓް ލިބިފައިވާކަމަށް ބުނެ މިއަދު އެކަނިވެސް ފަސް ލައްކަ ރުފިޔާ މަކަރާ ހީލަތުން ބަޔަކު ވަނިީ ހޯދާފައި ކަމަށެވެ. އަދި ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީ އެއް ނުފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ބުރަ މަސައްކަތުން ހޯދާ ފައިސާ އަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ސްކޭމްކޮށްގެން 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ. އަދި އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 1 މިލިއަން ރުފިޔާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ރިކޯޑްތައް ދައްކާގޮތުން މިކަހަލަ މައްސަލަތަކުގެ ރެކޯޑު ބަލަހައްޓަން ފެށުނީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 57 މިލިއަން ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބުނެފަ އެވެ. އެގޮތުން ސްކޭމް މައްސަލަތައް ގޮތުގައި 28،003 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ފާހަގަކުރި ސްކޭމް މައްސަލަތަކުގެ ބާވަތްތައް:
  • ފޯން ކޯލް މެދުވެރިކޮށް
  • ފްލެޓް ނުވަތަ ބިމެއް ލިބިގެން
  • ފޯނަށް ފޮނުވާ ލިންކެއް ބޭނުންކޮށްގެން (ހެކް ކޮށްގެން)
  • ކޮންމެވެސް ޕްރޮމޯޝަނެއް ހިންގާ ކަމަށް ބުނެ
  • ރީލޯޑް އަދި ރާސްޓަސް މެދުވެރިކޮށް
  • ނުދަންނަ ނަންބަރުތަކުން ގުޅާ (އާއިލީ ނުވަތަ ރައްޓެއްސަކަށް ހެދިގެން) އެކައުންޓަށް ފައިސާ ޖަމާކޮށްދިނުން
  • ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ހިންގާ ސްކޭމްތައް
  • ސްކޭން އެންޑް ޕޭ ބޭނުން ކޮށްގެން އަދި އޯޓީޕީ ބޭނުންކޮށްގެން ހިންގާ ސްކޭމްތައް
  • ފަންޑުތަކަށް އެހީވުމަށް ކަމަށް ބުނެ ހިންގާ ސްކޭމްތައް

ބޮޑެތި އަދަދުތަކުން ރައްޔިތުންގެ އަތުން ފައިސާ ގެއްލިގެން ދިޔުމަކީ ނުހަނު ގިނަ ގަންބޮޑުވުންތައް ހުރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިފަދަ ކަންކަމަށް މިހާރަށްވުރެ ވެސް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *