އައި.އެމް.އެފް.ގެ މެނޭޖިން ޑިރެކްޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައް،މަދު މުއިއްޒު އާއި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖެއަށް ގެންނަވާ އިގްތިސާދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެ އެވެ.

ކްރިސްޓަލީނާ މިހެން ވިދާޅުވީ ރައީސް މުއިއްޒުގެ އަރިހަށް ރޭ ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި، ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގަ އެވެ. މި ބައްދަލުކުރެއްވުމުގައި ކްރިސްޓަލީނާ ވަނީ ރައީސްގެ ހިންގުންތެރިކަމަށް ތައުރީފު ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ކްރިސްޓަލީނާ ދެއްކެވި ވާހަކަފުޅުގައި، ގައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

2023 ނޮވެމްބަރު 17 ގައި އާ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެއަށް މާލީ ގޮތުން ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ މައްޗަށްވެސް ކްރިސްޓަލީނާ އަލިއަޅުވާލެއްވި އެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އާ ސަރުކާރަށް ކުރިމަތިވި މާލީ އުނދަގޫ ހާލަތުން އަރައިގަތުމަށް އަޅަންޖެހިފައިވާ މުހިންމު، އަވަސް ފިޔަވަޅުތައް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާހުތައް ގެނައުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމާ މުހާތަބުކުރައްވައި ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި މިކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށްޓަކައި ތައުރީފު ކުރެއްވި އެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ކަންކަން ބަލައިގަންނަކަމުގައި ވިދާޅުވެ އެކަންކަމުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމުގެ ގާބިލުކަން ހުރިކަމުގައި އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. ހަމަ އެއާއެކު ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ރާއްޖެއަށް ގެންނަވާ އިގްތިސާދީ އިސްލާހުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި، ރާއްޖެއަށް ފާގަތި މުސްތަގްބަލެއްގެ ބިންގާ އެޅުމުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވި އެވެ.

އޭގެއިތުރުން ރައްޔިތުންނާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވައި، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ހިއްސާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ތައުރީފު ކުރެއްވި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެއްކަމަށާއި، އެހެންނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް އާއި އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކަންކަމަށް ހޭނުމަށާއި ވިލުންތެރިކަން އިތުރުކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރައީސް ވަނީ އައިއެމްއެފް އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އައިއެމްއެފް އަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުވުން ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައި ދެ ފަރާތުގެ ގުޅުން ބަދަހިކުރެވޭނެ ކަމުގެ އުއްމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުންނެވެ.

އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ އަކީ ވަރލްޑް ބޭންކުގެ ކުރީގެ ސީއީއޯ އަދި ޔޫރަޕިއަން ކޮމިޝަންގެ ބަޖެޓް އެންޑް ހިއުމަން ރިސޯސަސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *