އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

މިއަހަރު ރާއްޖޭގެ އިގްތިސާދު 5.5 އިންސައްތަ ކުރިއަރާނެކަމަށް އިކޮނޮމިކް މިނިސްޓަރު  މުހައްމަދު ސައީދް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު  ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. މިހާލަތުން އަރައިގަތުމަށް ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން, މިހާތަނަށް ނުދައްކާހުރި ބިލްތަކާއި ދަރަނި އަނބުރާ ދައްކަން ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން އެސްޑީއެފް އަށް އަލުން ޑޮލަރު ޖަމާކުރަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު, ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީންވަނީ މިއަދު ބުނެފަ އެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދޭނެކަމުގެ ޔަގީންކަން އެމިނިސްޓްރީންވެސް ވަނީ ދީފައިވެ އެވެ.

މިމޭރުމުން ސަރުކާރުން ވާހަކަދައްކާފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ  ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމަނީކަަމަށް ބުނެ ފެތުރެމުންދިޔަ ދޮގު ހަބަރުތަކަކާ ވިދިގެންނެވެ.

ބީއެމްއެލްގެ ޑޮލަރު ލިމިޓް 25 ޑޮލަރަށް ތިރިކޮށްފައިވާކަމަށް ބުނެ މީޑިއާތަކުގައި ވަނީ ހަބަރު ފަތުރާފަ އެވެ. ނަމަވެސް އެބޭންކުން ވަނީ އަދި ޑޮލަރު ލިމިޓް ކުޑަ ނުކުރާކަމަށް ބުނެފަ އެވެ. ނަމަވެސް ބޭންކަށް ބޭރު ފައިސާ ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ޑޮލަރު ލިމިޓް ރިވިއު ކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ނަމަވެސް އަދި ވަކި އަދަދެއް ކަނޑަނާޅާކަމަށާއި އައު ލިމިޓެއް ކަނޑައަޅާ އަމަލުކުރަން ފަށާނެ ތާރީހެއްވެސް ބޭންކުން އަދި ނުނިންމާކަމަށް އެބޭންކުން ބުނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *