ކްރެޑިޓް  ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައިނުވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ  ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނިންމީ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު ހަބަރުތައް ފަތުރަމުންދާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށްބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ  ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބޭންކް އޮފް މޯލްޑިވްސް އާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދޭނެކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ދީފައިވެ އެވެ.

އިގްތިސާދީ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެފަދަ ގޮތަކަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށް ފިނޭންސް މިނިސްޓްރީން ވަނީ ޒިންމާދާރުކަމާއިއެކު މައުލޫމާތުތަކުގެ ސައްހަކަން ކަށަވްރުކުރުމަށް މީޑިއާތަކަށް ގޮވާލާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *