އިސްރާއިލްގެ ހަމަލާތައް އަމާޒުވެފައިވާ ގާޒާގެ އިމާރާތްތަކެއް

ވައިގެ މަގުން ދެމުންދާ ހަމަލާތަކާއެކު އެއްގަމު މަގުން ރަފާހް އަށް އަރައި ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއިލުން ދިނުމާއެކު އެކަން ދިވެހި ސަރުކާރުން ކުށްވެރިުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒާގެ އެންމެ ދެކުނު ސިޓީކަމަށްވާ ރަފާހް އަށް އަރައި ހަމަލާދީ, ރަފާހް ހިފާނެ ކަމަށްބުނެ އިސްރާއިލްގެ ސަރުކާރުން ދެމުންދާ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރަފާހް އަކީ އިސްރާއިލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން, އެތައް މިލިއަން ބަޔަކު ބޯހިޔާވަހިކަމާ ރައްކާތެރިކަން ހޯދަން ގޮސްތިބި ސިޓީކަން ވެސް ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދިވެހި ސަރުކާރުން ވަނީ އިސްރާއިލުން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގާޒާގައި އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. އަދި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިސްރާއިލުން ހުރަސްއަޅަމުންދާތީ އެކަންވެސް ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އިސްރާއިލުން ގާޒާގައި ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދު ތަކާ ހިލާފު ކަންތައްތަކެއް ކަމަށާއި އިސްރާއިލުން ދަނީ ގާޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން, އިސްރާއިލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަށް އެގައުމަށް އަންގައި, މިކަމުގައި އެގައުމަށް ޕްރެޝަރުކުރުމަށް ދިވެހި ސަރުކާރުން ގޮވާލަމުންދާ ގޮވާލުން ސަރުކާރުން ވަނީ ތަކުރާރުކޮށްފަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ޖެނުއަރީ 26 ވަނަ ދުވަހު އެންގި އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އިސްރާއިލަށް ބާރު އެޅުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފަ އެވެ. އެގޮތުން, އައިސީޖޭ އިން އަންގާފައިވާގޮތަށް ގަތުލުއާމުގެ ހުރިހާ އަމަލުތައް ހުއްޓާލައި, ހަމަލާބަދަލުކުރުންތައް ވަގުތުން ހުއްޓާލައި ގާޒާއަށް އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކުރަން ޖެހޭކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނާ އެކު ކަމަށާއި ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލުމުގައި ދެމި އޮންނާނެ ކަން ވަނީ ތަކުރާރުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *