ހައްދުންމަތީ ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރައްވައިފި އެވެ.

މި ފަހުމުނާމާގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ލ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ހައްދުންމަތީ ކައްދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސްވަނީ ފަށްޓަވާފަ އެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފުތިތާހު ކުރުންވެސް އޮތެވެ.

ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނާ އެކުގަ އެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެއް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން ފިއުލް ފަރމްއާ އަދި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ތަރައްޤީކުރެވޭނެއެވެ.

ކައްދޫ އެއަރޕޯޓް ތަރައްގީކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖެހުމަށް ހަމަޖެހިފައި ވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް އިފުތިތާހް ކޮށްފަ އެވެ. ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނަށެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހީމެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ލާމު މެރިޓައިމް ހަބުގައި ގާދޫ ކޮންޒަރވޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ކްރޫޒް ޓާމިނަލެއް ގާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ގާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމާއި، އަދި އިކޯ ރިޒޯޓް ގާއިމުކުރުން ހިމެނެ އެވެ.