މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2024" ގައި ފަހު ވަގުތު ހުސައިން ޝަރީފް (އޮންލީ) ކާމިޔާބުކޮށްދިން ލަނޑާއެކު 2-3 އިން އިސްދޫ ބަލިކޮށް ލާމު އަތޮޅުގެ ޗެމްޕިއަންކަން ގަމުން ހޯދައިފި އެވެ.

ގަމަކީ ފާއިތުވި އަހަރުވެސް އެ އަތޮޅުގެ ޗެމްޕިއަންގެ އިތުރުން "ގޯލްޑެން ފުޓްސަލް ޗެލެންޖް 2023"ގެ ޗެމްޕިއަން ޓީމެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އިސްދޫގެ ކުޅުން ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެޓީމުން ވަނީ މެޗު ފެށިތާ މާގިނައިރެއް ނުވެ ގަމުގެ މައްޗަށް 1-0 ގެ ލީޑެއް ނަގާފަ އެވެ. މި ލަނޑު ތިންވަނަ މިނެޓުގައި އިސްދޫއަށް ކާމިޔާބުކޮށްދިނީ އަހުސަން ރަޝާދެވެ.

މި ލަނޑާއެކު ގަމުން ވަނީ ކުޅުން ރަނގަޅުކޮށް އޭގެ ދެ މިނެޓު ފަހުން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.

މި މެޗުގައި އިސްދޫ އިން ދެވަނަ ފަހަރަށް ލީޑު ނެގީ 16 ވަނަ މިނެޓުގައި ހުސެއިން އަފްޚާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 އިން އިސްދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ގަމުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

ގަމުން ލާމުގެ ޗެމްޕިއަންކަން ކަށަވަރުކުރި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގަން ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ހޯދި އިރު، މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިސްދޫ ޓީމުގެ އަލީ ހުމޭޒުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *