އެމްޑީޕީގެ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށަހަޅަނީ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މަރުކަޒުކަމަށްވާ ދަރުބާރުގެއަށް އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އެކުގައި ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅާފައިވަނީ މިއަދު ހެނދުނު އެވެ.

އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެފައިވަނީ އީސީގެ މެންބަރުންނެވެ.

20 ވަނަ މަޖިލީހަށް މެންބަރުން އައްޔަންކުރުމަށް ބާއްވާ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން މެންބަރުން ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޑީޕީން ވަނީ މި ހުރިހާ ދާއިރާއަކަށްވެސް ކުރިމަތި ލުމަށް ނިންމާފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށްފަހު އެ ޕާޓީން ވަނީ ކާށިދޫ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އެ ދާއިރާގެ މިހާރުގެވެސް މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ޓިކެޓު އަތުލާފަ އެވެ. އެ ޓިކެޓުގައި މިހާރު ވާދަ ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގައި އަންޑަ ސެކްރެޓަރީއެއް ގޮތުގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލު އަބްދުﷲ ނަސީރު އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ފެބްރުއަރީ 14، 2024 ވަނަ ދުވަހުގެ 14:00 އެވެ. އީސީން ބުނީ އިއްޔެއާ ހަމައަށް ފޯމު ހުށަހަޅާފައިވަނީ 68 ކެންޑިޑޭޓުން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައި އޮތީ މާޗް 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ދުވަހެކެވެ. ނަމަވެސް އެއްވެސް އިންތިހާބެއް ރޯދައާ ދިމާވާނަމަ އެ އިންތިހާބެއް ރޯދަ މަސް ނިމި 10 ދުވަސް ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގު ކުރެއްވުމުން މި ބަދަލަށް އަމަލު ކުރަން ފަށާނެ އެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *