ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ހަމަނުޖެހުން ހިންގާފައިވަނީ ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގަ އެވެ.

މި މައްސަލާގައި އެންމެފަހުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ރުވާގުގެ، އިބްރާހިމް ނުއައިމް ޝަރުމީލް (19 އ) އެވެ. އޭނާ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ. ނުއައިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޭޖަމާއަތް ހަދައިގެން ބިރުވެރިކަން އުފެދޭ ގޮތަށް މާރާމާރީގައި ބައިވެރިވި ކަމަށެވެ.

މި މައްސަލައިގައި މިދިޔަ ހުކުރު ދުވަހުވެސް ދެ މީހަކު ހައްޔަރުކުރި އެވެ. ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 34 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާރާމާރީއާއި ބިރުދެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ގދ. ތިނަދޫ، ފައިވްރޯސް، ރިކްޒު އާދަމް އާއި ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފް އެވެ. މި ދެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އަލީފްގެ ވަކީލު ވަނީ އޭނާއަކީ ޓީމެއްގެ އޮފިޝަލެއް ކަމަށް ބުނެފަ އެވެ. އަދި ދަނޑަށް އެރީ އެފްއޭއެމްގެ ހުއްދަ ލިބިގެންކަމަށް ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ވަކީލު ވަނީ ބުނެފަ އެވެ. އަދި އެއްވެސް މީހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފާ ނުވާނެކަމަށް ވަކީލު ވަނީ ބުނެފަ އެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *