ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވީ އެންމެ ބޮޑު ވައުދަކީ މަސް ކިރާތާ 48 ގަޑި އިރު ތެރޭ އެ މަހަށްވާ ފައިސާ ލިބޭނެކަމަށް ވީ ވައުދެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި މަސްވެރިން އަތުން މަސް ގަންނާނީ 20 ރުފިޔާއަށް ވުރެ ކުޑަ ނޫން އަގެއްގައިކަމަށްވެސް ރައީސް މުއިއްޒު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވެ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކުރި އިރު މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ އޮތެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ފަދައިން ވާރުތަވެފައިވާ 250 މިލިއަން ރުފިޔާގެ ދަރަންޏެކެވެ.

މަސްވެރިކަމުގެ އުފެއްދުންތައް މިނިސްޓަރު ބައްލަވާލައްވަނީ -- ފޮޓޯ: މިނިސްޓްރީ

ވެރިކަމާ ހަވާލުވެ ވަޑައިގެން ރައީސް މުއިއްޒު ފުރަތަމަ ކުރައްވަން ޖެހުނު ކަމަކީ ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑި ސާފު ކުރުމެވެ. މަސްވެރިންނަށް ނުދީ ހުރި ފައިސާތައް ދީ ބެކްލޮގް ފިލުވާލުމެވެ.

މަސްވެރިންނަށް 422 މިލިއަން ދޫކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް ވަނީ ކުރީ ސަރުކާރުން ނުދައްކާ ހުރި ފައިސާގެ ސަބަބުން މި ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން 422 މިލިއަން ރުފިޔާ މިހާތަނަށް މަސްވެރިންނަށް ދީފައިވާ ކަމަށާއި ނަމަވެސް އަދިވެސް 270 މިލިއަން މަސްވެރިންނަށް ނުދެވި އެބަ ހުރި ކަމަށެވެ.

މިއީ ކުރީ ސަރުކާރުން ވާރުތަ ކުރި 250 މިލިއަން ގާތްގަނޑަކަށް. ވަރަށް ބޮޑެތި އުދަނގޫތަކެއް ސަރުކާރަށް އެބަ ކުރިމަތިވޭ ކުރީ ސަރުކާރުން ނުދައްކާ ހުރި ފައިސާގެ ސަބަބުން.

މި ސަރުކާރުން މިހާރު އަންނަނީ މި ބެކްލޮގް ސާފުކޮށް ސީދާ 48 ގަޑި އިރުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މަސްވެރިންނަށް އުފާވެރި ހަބަރަކަށް ވާނެކަން މިނިސްޓަރުވެސް ޔަގީން ކުރައްވަ އެވެ.

ސަރުކާރުން މިހާރު ވަނީ މަސްވެރިންގެ އަތުން މިފޮކޯއަށް މަސް ކިރާ ރޭޓުވަނީ 20 ރުފިޔާއަށް ހަދާފަ އެވެ. ކުރީ ސަރުކާރުން 17 ރުފިޔާއަށް ކިރަމުން އައި މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިންނެވެ. ރައީސް ސޯލިހުގެ ސަރުކާރުން މަސް ކިރާ އަގަށް ބަދަލު ގެނައީ އޭރު އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒު މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުވާނެކަމަށް ވައުދުވެ ވަޑައިގެންފައި ވަނިކޮށެވެ.

ބޭރުގެ މާކެޓުތަކުން މަސް ކިލޯއެއް ގަންނަ އަގަކީ 22.4 ރުފިޔާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެހެންކަމަށް ވާނަމަ 25 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރައިގެން އެ މަސް ވިއްކައިގެން މިފްކޯއަށް ލިބެނީ 2.6 ރުފިޔާގެ ގެއްލުމެވެ.

ޑްރައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ސަރަފުވެރިކޮށްދެއްވުމަށްފަހު، މިނިސްޓަރ ޝިޔާމް ޕްރޮގްރާމްގެ ބައިވެރިޔަކާއެކު ފޮޓޯއެއް ނަންގަވަނީ -- ފައިލް ފޮޓޯ: މިނިސްޓްރީ

ޝިޔާމް ވަނީ 25 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރާނަމަ ސަރުކާރުން މިފްކޯއަށް ސަބްސިޑީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. މިއީ ސަރުކާރަށް ކެރި ކުޅަދާނަ ވެގެންވާ ކަމެއް ނޫނެވެ. އެކަން ކުރީ ސަރުކާރަށް އެގި ހުރެ އެކަން ކުރީ ސީދާ ސިޔާސީ ބޭނުމެއްގައި ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުން އަންނަ އަދި އެޅުމަށް ނިންމާފައިވާ ކޯލްޑް ސްޓޯރޭޖްތަކާއި އައިސް ޕްލާންޓްތަކުގެ މަސައްކަތްތައް އަވަހަށް ނިންމާ މަސްވެރިންނަށް ހިދުމަތް ދޭން ފެށޭވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސިން ހަމަޖައްސާފަ އެވެ.

މަސްވެރިންގެ ޝަކުވަތަކަށް ދާއިމީ ހައްލެއް ގެނެވެން ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައި ބޮޑެވެ. އެއީ މަހަށް ހަމަ އަގު ހޯދައިދިނުމުގެ މަސައްކަތެވެ. އެ މަސައްކަތްކުރުމަށް ސަރުކާރުން އޮރީ މަސްވެރިންނާއެކުގައި މަސައްކަތްކުރަންކަން، އާ ސަރުކާރާއެކު މި ވޭތުވެދިޔަ 3 ވަރަކަށް މަސް ދުވަހުގެ މަސައްކަތުން އެނގެ އެވެ. އެގޮތުން ދިވެހި މަސްވެރިކަން ޕްރޮމޯޓްކޮށް، މަހުގެ ބާވަތްތައް ބޭރުގެ މާކެޓުގައި ވިއްކުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއް އުފައްދާފަ އެވެ. އެ ކުންފުނީގެ މަސައްކަތްތައް ފަށައިގަތުމުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެއްގޮތަށް، ރާއްޖެއިން ބޭރުގައި ބާއްވާ ފެއާތަކުގަޔާއި، ވިޔަފާރި އާއި ގުޅުންހުރި އެހެނިހެން ތަންތަނުގައި ރާއްޖޭގެ މަސްވެރިން ޕްރޮމޯޓްކޮށް، ދިވެހި އުފެއްދުންތައް ވިއްކުމުގެ މަސައްކަތްތައްވެސް ކުރާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން މަސްވެރިންނަށްވި ވައުދުތައް ފުއްދާނީ ވެރިކަން ނިމެން މަދު ދުވަސް ކޮޅަކަށްވުމުންނެއް ނޫނެވެ. ބަދަލުގައި މަސްވެރިންނަށްވި ވައުދުތައް ދައުރުގެ މެދަކަށް ދިއުމުގެ ކުރިން ފުއްދައިދީ، މަސްވެރިންނަށް އޭގެ މަންފާ ލިބޭނެ މަގު ފަހިކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *