ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި 300 އަށް ވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބްރުޖް އަލް އަރަބް އިމާރާތުގައި ބާއްވާ މި ފޯރަމް އަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތުތައް ދުބާއީގައި ތިބި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ ވިޔަފާރިވެރިންވެސް ބައިވެރިވާނެ އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރު ފަށާ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވަޑައިގަންނަވަ އެވެ. އަދި މި ފޯރަމުގައި ރައީސް މުއިއްޒު ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމްގައި 300 އަށްވުރެ ގިނަ އިންވެސްޓަރުން އެއްތަންވެ މައުލޫމާތު ސާފު ކުރަން ހަމަޖެހުފައިވާއިރު މި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނާއި ވިޔަފާރިތަކުގެ މައިގަނޑު ބަޔަކަށް ވާނީ މަލްޓި ބިލިއަން ޑޮލަރުގެ ބޮޑެތި ކުންފުނިތަކާއި ދުނިޔޭގެ ބިލިއަނަރުންނެވެ.

ހަކަތަ އުފައްދާ ވިޔަފާރިތަކަށް އިންވެސްޓް ކުރާ ފަރާތްތައް ވެސް މި ފޯރަމްގައި ބައިވެރިވާނެ އެވެ. އަދި މި ވިޔަފާރިވެރިންގެ ތެރޭގައި ރަސްމާލެ ކަނޑު އަޑީގެ ޓަނަލާއި ވަރުގަދަ އެއާޕޯޓްތަކަށް އިންވެސްޓް ކުރެވޭ ފެންވަރުގެ ބޮޑެތި ބޭންކުތައްވެސް ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

ފޯރަމްގައި ހުށަހަޅާނެކަމަށް ބެލެވޭ މަޝަރޫއުތައް:

  • 8 ޑިގުރީ ޕޯޓު
  • ލާމު ޓްރާންޝިޕްމަންޓް ބަނދަރު
  • އެސްއީޒެޑް ގާނޫނާއެކު އަންނާނެ އިންވެސްޓްމަންޓްތައް
  • ފޮނަދޫން ތެޔޮ ފެސިލިޓީ ނެގުމަށްފަހު ހަދާ ފައިނޭންޝަލް ހަބް
  • އެއާޕޯޓް ދެވަނަ ފިޔަވަހި / ފިއުޗާ އެއާޕޯޓް
  • ނުހެދި ހުރި ރިސޯޓުތަކުގެ ފުރުސަތުތައް
  • ރަސްމާލެ މަޝްހޫރު / ކަނޑު އަޑީ ޓަނަލް
  • އެތެރޭގެ އެއާޕޯޓްތައް އެޅުން
  • މި އަހަރު އަލަށް ހުޅުވާ 20 ރިސޯޓް

ބޮޑެތި ވިޔަފާރިވެރިންނާއިއެކު އަންގާރަ ދުވަހު ބާއްވާ މި ފޯރަމްއަކީ ރާއްޖެއަށް ދެވޭނެ ވަރަށް އުސް ހަރުފަތަކަށް ވެގެން ދާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *