ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު | ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޝަރީއަތުގައި އޮތް މައްސަލައަކަށް މަޖިލީހަށް ބަހުސެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު މެންބަރުން ތިއްބަވާ އަދަދަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ބަހުސައް ހުޅުވާލުމާ ގުޅިގެން ނެންގެވި ނިޒާމީ ނުކުތާއެއްގަ އެވެ.

ސިރާޖު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާގެ (ބ) އަދި 181 ވަނަ މާއްދާގެ (ބ) އަދި 234 ވަނަ މާއްދާގެ (1) ގައި، ޝަރީއަތުގައި އޮތް މައްސަލައަކާއި ގުޅޭގޮތުން ބަހުސް އެއް ނުހިންގޭނެ ކަމަށް ވަރަށް ސާފު އިބާރާތުން ބަޔާން ކޮށްފައިވާ ކަމަށެވެ.

ޝަރީއަތުގައި ކުރިއަށް ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ބަހުސް އެއް ނުހިންގޭނެ ކަމަށާއި، މި މައްސަލަ ކުރިއަށް ގޮސް ގޮސް އޮއްވާ މި ގަވައިދުގައި މިބުނާ މާއްދާތަކާ ހިލާފަށް ހިންގުމަކީ މައްސަލަ އެއް ކަމަށް ސިރާޖު ވިދާޅުވި އެވެ. އެހެންކަމުން ނިޒާމީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާ ކަމަށެވެ.

މި ނިޒާމީ ނުކުތާއާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މެންބަރުން މި ކަމުގައި ގޮތެއް ނިންމަން ހުޅުވާލެއްވީ މުޅި މަޖިލީހުގެ އިމްތިއާޒާ މަޖިލީހުގެ މަސައްކަތާ ގުޅިފައިވާ މައްސަލައެއް ކަމަށް ވާތީ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެނދާނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ. އެއީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި މަޖިލީހުންކުރާ މަސައްކަތަކީ އެއީ މަޖިލީހުގެ އިމްތިޔާޒުތަކާއި މަޖިލީހުގެ ބާރުތަކުން އަދި ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ބާރެއް ކަމަށެވެ.

އެހެންކަމުން އެއްވެސް އެހެންފަރާތަކުން ބުނާ ގޮތަކަށް ކަންކަން ކުރުމަކީ ދަތިކަމެއް ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓަށް އިހްތިރާމް ކުރުމުގެ ގޮތުން 87 މެންބަރުން ނަކީ މަޖިލީހުގެ ޖުމްލަ މެންބަރުން ކަމަށް ރިޔާސަތުން ބަލައިގަނެފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުން ކަމެއް ނިންމޭނީ މަޖިލީހުގެ މެންބަރުން ނިންމާގޮތަކަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން ޝަރީއަތުގައި އޮތް މައްސަލައިގެ މައުލޫގެ ތެރެއަށް ވަޑައިނުގެން ރިޔާސަތުން ނިންމެވި ނިންމުުމާދޭތެރޭގައި މެންބަރުންނަ ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ ގޮތެއް ނިންމެވުމަށް މަޖިލިސް ރައީސް އަސްލަމް އެދިލެއްވި އެވެ.

ރައީސްގެ ނިންމެވުމަށް ރައްދު ދެއްވާ މެންބަރު ސިރާޖު ވިދާޅުވީ ތިން މާއްދާއަކާ ހަވާލާދީ، މަޖިލީހުގެ 234 ވަނަ މާއްދާގައި ބުނާގޮތުން ޕެޓިޝަނެއްވެސް އަދި ބަހުސް، ކުއްލި މައްސަލަ އެއް ވެސް މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ބަހުސް ކުރުމަކީ މަޖިލީހުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.

ޝަރީއަތުގައި ހިނގާ މައްސަލައަކާ ދެކޮޅަށް ބަހުސްކުރުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން ކަން ސިރާޖު ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން މަޖިލީހުގެ ކުރީގެ ރައިސް މުހައްމަދު ނަޝީދު މިމައްސަލައިގައި ސްޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށްދިޔަ ކަމަށާއި އަދި ސްޕްރީމް ކޯޓުން ބަސް ބުނުމުން އެއާއެކު ކުރިއަށް ދެވުނު ކަން ސިރާޖު ފާހަގަކުރެއްވި އެވެ.

ސިރާޖު ވިދާޅުވީ މިއީ އަލަށްވާ ކަމެއް ނޫން ކަމަށެވެ. އަދި ކަނޑައެޅިގެން ޝަރީއަތަށް ނުފޫޒުފޯރުމަށް މަޖިލީހުން ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި ގަވައިދުގަ މިހާ ސާފުކޮށް މިކަން ބަޔާންކޮށްދީފައިވާ އިރު މަޖިލިސް މިހާރު ހިންގަވަނީ ގަވައިދާ ހިލާފަށް ކަމަށް ސިރާޖު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *