ކުރިއަށް އޮތް ފަސް އަހަރުތެރޭ އިއާދަކުރަނިވި ހަކަތައިގެ ހިއްސާ ހަތަރު އިންސައްތައިން 33 އިންސައްތަ އަށް އިތުރުކުރަން އަމާޒު ހިފާފައިވާކަމަށް  އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހަކަތައިގެ ރައްކާތެރިކަން ކުރިއެރުވޭނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި ކަމުގެ ސަބަބުން  އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސްކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖެއިން ދަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ގުޅޭގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ކަންވެސް މިނިސްޓަރު ފާހަގަކުރައްވަ އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކޮށް ސާފު ވައި ގާއިމްކުރެވޭނެ ގޮތް ހޯދުމަށް ރާއްޖެއާއި އެމެރިކާ ގުޅިގެން  މަސައްކަތްކުރަން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާބެހޭ މި އެއްބަސްވުން ސޮއިކޮށްފައިވަނީ ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ސްޓޭޓްސް އެޖޭންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އާ ދެމެދު އެވެ. މި އެއްބަސްވުމުގައި  ސޮއިކޮށްފައިވަނީ މި ނިމުނު ޖެނުއަރީ މަހު އެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި، އަދި އިޔާދަކުރެނެވި ހަކަތަ އާއި ގުޅުންހުރި ދާއިރާތަކުން ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރާން ވަނީ ހަމަޖެހިފަ އެވެ.

ޔޫއެސްއެއިޑް އާއި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި, މިނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ލޯ ކާބަން އެފިޝަންޓް އެނާޖީ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިހާރު ހުރި ކަނޑައެޅިފައި ހުރި މިންގަނޑުތައް މުރާޖައާކޮށް، އިމާރާތްތަކުގައި ހަކަތައިގެ ރައްކާތެރިކަން އިތުރުކޮށް އިންޓަގްރޭޓް ކުރުންވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ރާއްޖެއަކީ މޫސުމީ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ އެއް ގައުމެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް, ކޮންމެ އަހަރަކުވެސް ސަރުކާރުގެ ބަޖެޓުން އެތައް ލައްކަ ރުފިޔާއެއް ހަރަދުވެގެންދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *