ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު ވެރިކަމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (17 ނޮވެމްބަރު 2023) -- ފޮޓޯ: މިހާރު އޮންލައިން

ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށް އަލިރަސްގެފާނުގެ ޖިހާދުން އެބަ ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ. ރައީސްގެ ހިތާބުގައި ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ގައުމީ އެތައް ފިލާވަޅަތަކަކާއެކު ކަމަށާއި އެ ފިލާވަޅުތައް ދޭހަކޮށް އިބުރަތް ހާސިލުކުރުމަށްޓަކައި ތާރީހުގެ ފަތްފުށްތައް ބަލައިލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޝަހީދުންގެ ދުވަހެއް ރާއްޖެ ދުށީ، ކަޅު މުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އުފެއްދި ގުޅުމެއްގެ ތެރެއިންނެވެ. ތާރީހުން އެނގޭ ގޮތުން، ހަސަން ރަސްގެފާނާ ޕޯޗުގީޒުންނާ ދެމެދު އޮތް ގުޅުން ފެށިފައި ވަނީ، ކަޅު މުހައްމަދު ރަސްގެފާނާ ހަމައިންނެވެ.

އެހެންކަމުން ޝަހީދުންގެ ދުވަހަށް އަލިވިލޭއިރު، އޭގެ އަނެއް ފަރާތުގައި ވަނީ ބޮޑެތި ހިޔާނާތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަ އެދުމާއި، ވެރިކަމުގެ ބޭނުމުގައި ގައުމު ހަލާކުގެ ތެރެއަށް އެއްލައިލެއްވި ކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ހަސަން ރަސްގެފާނާ ޕޯޗުގީޒުންނާ އުފެދުނު ގުޅުމުގެ ތެރެއިން އޭނާ އިސްލާމްދީން ދޫކޮށްލެއްވި ކަމަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ އަލިރަސްގެފާޏުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ހާސިލްކުރަން ޖެހޭ ކަމަށެވެ.

އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، މާތް ﷲ ހައްގަށް ނަސްރު ދެއްވާނެކަން. އެއީ، ބިމުގެ ކުޑަކަމަކާއި، އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ކާބަފައިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްފި.

ރައީސް ވިދާޅުވީ ދިވެއްސެއްގެ އެދުމަށް ޕޯޗުގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ނަމަވެސް، އޭނާއަށް އޭނާ އެދުނު ބާރާއި ރަސްކަން ހޯދައިނުދިން ކަމަށެވެ. އެހެންކަމުން އަލިރަސްގެފާނުގެ ޖިހާދުން ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ ކަމަށާއި ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އަލރަސްގެފާނުގެ ޖިހާދުން ހަބަރު ފަތުރާއިރު، ގައުމާ އެއްކޮޅަށް ހަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ ކަމަށާއި ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރުދޭ ކަމަށް ރައީސް ވިދާޅުވި އެވެ. ޒުވާންކަމުގެ އޮއިވަރުގައި، އަމިއްލަ ދީނާއި، އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އަލިރަސްޖެފާނުގެ ޖިހާދުން އެބަ ނަސޭހަތްތެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑެއް ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެންނަ ކަމަށެވެ. އެހެންކަމުން އެފަދަ ދުވަހެއް ރާއްޖެ ދެކެން ނޭދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *