ސުނާމީ ކާރިސާގެ ހަނދާނުގައި މިއަދު ހެނދުނު ބޭއްވި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުން (26 ޑިސެންބަރު 2023) -- ފޮޓޯ: ރައީސް އޮފީސް

އަޅުވެތިކަމަކީ ރާއްޖޭގެ ތާރީހުގައި މަދުން ނަމަވެސް ފެންނަން އޮތް ދުވަސްތަކެކެވެ. ނަމަވެސް ދިވެހިންނަކީ އަޅުވެތިކަމަށް ބޯލަނބާ އެކަމާ ރުހިގެން ތިބޭނެ ބައެއް ނޫންކަން އަޅުގަނޑުމެންގެ ތާރީހުން ވަރަށް ރަނގަޅަށް އެނގެ އެވެ. އަޅުވެތި ކުރާ ކޮންމެ ފަހަރަކު ދިވެހިން ނިކުމެ އެ ބަޔަކާ ހަނގުރާމަކޮށް ނަސްރު ހޯދަ އެވެ. އަދި ބައެއް ދިވެހިން ހަނގުރާމަކޮށް ޝަހީދުވެގެން ދިޔަކަމީވެސް ތާރީހުގެ ފަތްފުށްތަކުން ފެންނަން އޮތް ހަގީގަތެވެ. މި ދެންނެވި ބަތަލުންނަކީ ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިފައިވާ ބަޔެކެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ ޝަހީދުންގެ ދުވަހަކީވެސް މިފަދަ ބަތަލަކަށް ނިސްބަތްވާ ދުވަހެކެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިޔަ ނުދިނުމަށްޓަކައި ހަނގުރާމަ ކުރައްވާ ޝަހީދުވެގެން ދިޔަ އޭރުގެ ރަސްގެފާނު އައްސުލްތޯން އަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނަށް ނިސްބަތްވާ ދުވަހެވެ.

އަލި ރަސްގެފާނަށް ފަހުވެސް ހަނގުރާމަތަކުގައި ދިވެހިން ޝަހީދުވެފައިވެ އެވެ. ޝަހީދުންގެ ދުވަހަކީ މި ހުރިހާ އެންމެންގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. މިއީ ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަ ކުރާތާ 45 ވަނަ އަހަރެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ރައްޔިތުންނާ މުހާތަބު ކުރައްވާ އަސަރުން ފުރިގެންވާ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ. އަލި ރަސްގެފާނުގެ ޖިހާދުން އިބުރަތް ހޯދާ އިސްލާމް ދީނާ ދިވެހި ގައުމަށް އޮންނަ ލޯބި ދިވެހިންގެ ހިތްތަކުގައި އިތުރު ކުރުމަށް ރައީސް މުއިއްޒު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

އަލި ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބު ކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރި ނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ.

ރައީސް ވަނީ އަލި ރަސްގެފާނުގެ ޖިހާދުން ނަމޫނާ ނަގާ މީޑިއާތަކުން ހަބަރު ފަތުރާ އިރު ގައުމާ އެއްކޮޅަށް ހަބަރު ގެންނަން ނަސޭހަތްތެރިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެ ޖިހާދުން ދޮގު ހަބަރު ނުފަތުރަން އިންޒާރު ދޭކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

އަލި ރަސްގެފާނުގެ ޖިހާދުން ފިލާވަޅު ހޯދާ ޒުވާކަމުގެ އޮއެވަރުގައި އަމިއްލަ ދީނާ އަމިއްލަ ގައުމު ފަހަނައަޅާ ނުދާން ޒުވާނުންނަށް ރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ދިވެއްސަކު ގައުމަށް ހިޔާނާތްތެރިވެ ދީން ދޫކޮށް ބޭރުގެ ބާރެއްގެ ފައިބުޑަށް ވެއްޓުނުކަން ރައީސް ވަނީ ދިވެހިންނަށް ހަދުމަކޮށްދެއްވާފަ އެވެ. ކަޅު މުހައްމަދު ރަސްގެފާނު ޕޯޗުގީޒުންގެ ގާތަށް ގޮސް އެމީހުންގެ އެދުމަށް ދީން ދޫކޮށް ރާއްޖޭގެ ހަރު މުދަލާ ބައެއް ރަށްރަށް ހިބަކޮށްދީފައިވާކަން އެއީ ތާރީހު ދޮގު ނުކުރާނެ ކަންކަމެވެ.

ރާއްޖޭގެ ބިމާ ކަނޑަކީ ދިވެހިންގެ ހަރު މުދަލެވެ. ދިވެހިންގެ މިލްކެކެވެ. މި ތަންތަން ހިމާޔަތްކޮށް މި ތަންތަނުގެ ދިފާއުގައި މަސައްކަތް ކުރަން ތިބީ ހަމަ ދިވެހިންކަން ތާރީހު ހެކިވެ އެވެ. ދިވެހި ގައުމު ދިވެހިންނަށްޓަކައި މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް އަލި ރަސްގެފާނު ދެތިން ބޭފުޅުންނާ އެކު ހަނގުރާމަކޮށް ޝަހީދުވުން އެއީ ދިވެހިންނަށް ފިލާވަޅަކަށް ވާން ޖެހެ އެވެ. އަލި ރަސްގެފާނުގެ އީމާންތެރިކަމާއި ގައުމަށް އޮތް ލޯބި އެންމެ ބޮޑަށް ދޭހަކޮށްދެނީ ޖަލާލުއްދީން ލިޔުއްވާފައިވާ ޅެމަކުންނެވެ.

ވީކަމަކު އެދުވަހު އެތާނގާ ރަސްގެފާނު އަލީ ޝަހީދު

ކީ އެ ހިނދުގައި ދުޝްމަނުންވެސް ސާބަހޭ ހަމަ ސާބަހޭ

ރާއްޖޭގެ މިހާރު ހާލަތާ ގުޅުވާ ރައީސް ވަނީ އަލި ރަސްގެފާނުގެ ޖިހާދުން ފިލާވަޅު ހޯދާ ދިވެހިންގެ ކަނޑުން ދިވެހިންނަށް ގެއްލުނު ބައި ހޯއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދިވެހި ކަނޑު ހިމާޔަތް ކުރުމަކީ ދިވެހިންގެ ވާޖިބެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވާ ފަދައިން އަލި ރަސްގެފާނުގެ ޖިހާދުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ މާތް ﷲ ހައްގަށް ނަސްރު ދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮތްކަމެއް ނޫންކަން އިސްލާމީ ތާރީހުންވެސް އަދި ދިވެހި ތާރީހުންވެސް އެނގެ އެވެ.

ރައީސް ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ގައުމަށް ތެދުވެރިވެ ދައުލަތަށް ވަފާތެރިވުމަށް ދިވެހިންގެ ކިބައިން އެދިލައްވާފަ އެވެ. އަދި ކުރިއަށް އޮތް ޖީލުތަކުގެ ދިވެހިންގެ ގައިގާވެސް މި ސިފަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ އެދިލައްވާފަ އެވެ.


ދިވެހި ތާރީހުގެ ތެރެއިން އަލި ރަސްގެފާނުގެ ވާހަކަ؛

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *