ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ތ. އަތޮޅަށެވެ. މައިގަނޑު އެއް ސަބަބަކީ ތ. ގުރައިދޫއަކީ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު ތާއީދެއް ލިބުނު ރަށް ކަމަށް ވުމެވެ. އެ ސަބަބަށްޓަކައި ފުރަތަމަ އަތޮޅެއްގެ ގޮތުގައި ތ. އަތޮޅަށް ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ ވައުދު ފުޅެކެވެ.

އޭގެއިތުރުން މި ދަތުރުފުޅަކީ ރައީސް ޑރ. މުއިއްޒުގެ އިތުރު ވައުދުފުޅަކާއިވެސް ގުޅުވައި، އެމަނިކުފާނު ކުރެއްވެވި ދަތުރުފުޅެކެވެ. އެއީ ކޮންމެ ތިން މަހަކުން އެއް މަހު، ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އަތޮޅު ތެރެއަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެވެ. އެހެންކަމުން އެ ވައުދުފުޅު ފުއްދަވަން ފެއްޓެވުމުގެ ފުރަތަމަ މަންޒިލަކީވެސް ތ. އަތޮޅެވެ.

ތިން ދުވަހަށް ކުރެއްވި އެ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ އެ އަތޮޅުގެ 10 ރަށަށް ވަޑައިގެންފަ އެވެ. އަދި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް މެމްބަރުންނާއި އެމަނިކުފާނު ދަތުރުފުޅުގައި ބައްދަލުވެސް ކުރެއްވެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫއަށް ވަޑައިގެންނެވުން

މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީވެސް، އަދި ދެއްވެވި ޔަގީންކަމަކީވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމެވެ. ނަމަވެސް އަދުގެ އިގްތިސާދީ ހާލަތު ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވައުދުތައް ފުއްދަވަމުންގެންދެވޭނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަކުން ކަމަށެވެ. އަދި ރައީސް ވަނީ އިސްކަންދޭނެ ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރެއްވުމުގައި ކައުންސިލްތަކުގެ އެއްބާރުލުމަށްވެސް އެދިވަޑައިގެންފަ އެވެ.

ބޮޑެތި ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވި!

އެއާޕޯޓާއި ކޯޒްވޭގެ ޔަގީންކަން

ފުރަތަމަ މަންޒިލެއްގެ ގޮތުގައި ތ. ގުރައިދޫއަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ގުރައިދޫ ރައްޔިތުން އެންމެ ބޭނުންވެފައި ތިބި، ގުރައިދޫ އެއާޕޯޓް މަޝްރޫއުގެ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން މި އަހަރަށް ފާސް ކުރި ބަޖެޓުގައި ގުރައިދޫ އެއާޕޯޓުގެ މަސައްކަތް ހިމެނިފައި ނެތްނަމަވެސް ގާނޫނީ އިމުގެ ތެރެއިން މި މަޝްރޫ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލާ އެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

ގުރައިދޫއަށް ފަހު ރައީސް ވަނީ ތ. ދިޔަމިގިއްޔަށް ވަޑައިގެން ދިޔަމިގިއްޔާ ތ. މަޑިފުއްޓާ ގުޅުވާލާ ކޯޒްވޭއެއް އަޅުއްވައިދެއްވާނެކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގަތް ވައުދުފުޅު ހަގީގަތަކަށް ހައްދަވާ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ދިޔަމިގިއްޔާ މަޑިފުއްޓާ ގުޅާލައްވާނެކަމުގެ ޔަގީންކަން ދެއްވުމަށްފަހު މަޑިފުއްޓަށް ވަޑައިގެން ރައީސް ވަނީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އިންތިޒާރު ކުރަމުން އައި ކަމެއްގެ ނިމުން އަންނަން އުޅޭކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުން ބޭނުން ފެންވަރަކަށް ގެދޮރު އިމާރާތް ކުރުމަށް ވަރަށް އަވަހަށް ލުއި ލޯން ދޭން ފައްޓަވާނެ ކަމަށެވެ.

ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރައްވާނެކަމުގެ ޔަގީންކަން

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމާއި ގުޅޭ ގޮތުން ރައީސް ވަނީ ތ. ވޭމަންޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އިތުރުން ކަނޑުގެ އަޑިޔާއި، ވަޔާއި، އެއްގަމާ ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ތަނެއް ބަލަހައްޓާނީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް ކަމަށެވެ.

މަޑިފުށީގައި ބޭއްވި ޖަލްސާގެ ތެރެއިން.

ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ރައީސް ވަނީ ބުރުނީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެރަށަށްވެސް ވަޑައިގެންފަ އެވެ. ބުރުންޏަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ ދިމާވާ ރަށެއްކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މިކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން އާންމު ދިރުއުޅުމަށާއި ރަށަށް ބޮޑެތި ގެއްލުންވުންތަކެއްވެ ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ.

ރައްޔިތުން ސަރުކާރެއް ހޮވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ކަމަށާއި، މި ސަރުކާރުން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭ ގޮތަށް އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ކަނޑޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ވިދާޅުވެފަ އެވެ.

ކުރީ ސަރުކާރުން ވެރިކަން ހަވާލުކުރި އިރު އިގްތިސޯދު އޮތީ އަނދަވަޅެއްގައިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތައް ފެށުމުގައި މާލީ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކަނޑައެޅޭ އުސޫލެއްގެ ދަށުން މިއަހަރު ތެރޭ ފެށެން ހުރި ހުރިހާ މަޝްރޫއެއް ފައްޓަވައި ދެއްވާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ތ. ވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަންދޫއަށް ފަހު ރައީސް ވަޑައިގެންނެވީ ތ. ކިނބިދޫ އަށެވެ. ރައީސް ވަނީ ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން ހަގީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެ އިތުރުން ކިނބިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެއް މަސްދުވަސް ތެރޭ ރާއްޖޭގެ ހުރިހާ ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެކަން ހާމަ ކުރައްވާފަ އެވެ.

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމަވާލެއްވީ އެ އަތޮޅު ގާދިއްފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ދިޔަމިގިލީގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުު ދައްކަވަނީ.

މީގެ އިތުރުން އެރަށުގެ ބިންހިއްކުމުގެ މަޝްރޫއުވެސް ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ގުރައިދޫ އެއާޕޯޓްގެ މަސައްކަތާއެކު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބަނދަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން އެމަސައްކަތް ކުރެވޭނެ ގޮތެއް ނެތި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެމްޓީސީސީއާ ހަވާލުކޮފައިވާ މި މަސައްކަތްވެސް ކުރިޔަށްގެންދެވޭނެ ގޮތެއް ބައްލަވައިގެން ސަރުކާރުން އެ މަޝްރޫއުވެސް ކުރިޔަށްގެންގޮސް ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

ރައީސް ތ. އަތޮޅަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ބުރާސްފަތި ދުވަހު އެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ސަރުކާރަކީ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއްކަމަށް ރައީސް ވަނީ ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ފާހަގަ ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނާއި އެމަނިކުފާނުގެ ކެބިނެޓުން ޖަވާބު ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ މީގެ ކުރިންވެސް ދެއްވާފަ އެވެ. ރައީސް ގެންދަވަނީ އެމަނިކުފާނުގެ އެ ވައުދުފުޅު ވަރަށް ފުރިހަމަޔަށް ފުއްދަވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *