މިއުޒިކުން ނަފްސާނީ ބައްޔަށް ފަރުވާ ދެވޭނަމަ ދިވެހި ޅެމުން ނަފްސާނީ ބައްޔަށް ފަރުވާނުދެވޭންވި ސަބަބެއް ނެތެވެ. ޅެމުން އަސަރެއް ނުކުރާނަމަ ބޮލުތެރޭގައި ލަވައިގެ ޅެންބައިތުތައް ހަރުލާފައި ހުންނާނެތޯ؟

އެ އިރެއްގެ މޫޑާއި، ޖަޒުބާތަކާ ގުޅޭހެން އަހަރެމެންނަށް އެކި ލަަވަ އަޑުއަހައި، އެ ލަވައިގެ ޅެންބައިތުތައް މި ހިއްސާކުރެވެނީ ކޮންމެވެސް ކަހަލަ އަސަރެއް އަހަރެމެންގެ ހިއްސުތަކަށް ކުރުވާތީ ނޫންތޯ އެވެ.

މިއީ ދިވެހި ޅެން ބޭނުންކޮށްގެން، ނަފްސާނީ ފަރުވާ ދެވިދާނެކަމަށް ގަބޫލުކުރާ މީހުންގެ ސުވާލުތަކެވެ.

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ދާދި ފަހުން ވަނީ ހާމަކުރައްވައިފަ އެވެ. ދިވެހި ޅެމުން ނަފްސާނީ ފަރުވާ ދެވިދާނެތޯ ބެލުމުގެ ވާހަކަތަކާއެކު އެއީ ޖޯކަކަށްވެ، އެކަމަށް ސޯޝަލް މީޑިއާގައި "މީމްސް" ހަދާ ޕޯސްޓުކުރަން ފެށުނެވެ.

މީމްސްތަކާއި، މަލާމާތާއި، ޖޯކުތަކާއެކުވެސް ދިވެހި ބަހާއި ސަގާފަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރަހިމް ހުންނެވީ ވަރަށްވެސް ބޮޑު ޔަޤީންކަމެއްގަ އެވެ. މިނިސްޓަރު ދެކިވަޑައިގަންނަވާގޮތުގައި ދިވެހި ޅެން ބޭނުންކޮށްގެން، ނަފްސާނީ ބަލިތަކަށް ފަރުވާ ދެވިދާނެ އެވެ. އަދި އެކަން އެގޮތަށް ނުކުރެންވީ ސަބަބެއްވެސް މިނިސްޓަރަކަށް ފެނިވަޑައެއް ނުގަންނަވަ އެވެ.

މިނިސްޓަރު ދެކިވަޑައިގަންނަވާ ގޮތުގައި މިކަން ކާމިޔާބުވެއްޖެނަމަ، އެއީ ދިވެހި ބަހަށްވެސް ދެވޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ނަފްސާނީ ބަލި އާންމުވަމުން އަންނަ އިންސައްތަ އިތުރުވަމުން އަންނަ މި ދުވަސްވަރު، ނަފްސާނީ ބަލި ތަހަމަލްކުރާ މީހުންނަށްވެސް ދެވޭ ވަރަށް ބޮޑު ލުޔެއްކަމަށް މިނިސްޓަރ ދެކިވަޑައިގަންނަވަ އެވެ.

ލަވަތަކާއި ލިޔުންތަކާއި ޅެމުން އަހަރެމެންގެ ހިތަށް އެ ލިބޭ ފިނިކަމާމެދު ވިސްނާލަން ޖެހެ އެވެ. ޕޮއެޓްރީ ތެރަޕީ ފެށުނީ މީލާދީން 400 ވަނަ އަހަރާ ހިސާބުގައި، ލިޔުންތެރިކަމަކީ ބޭސްވެރިކަމުގެ ވައްތަރެއްގެ ގޮތުގައި މިސްރު މީހުން ބޭނުންކުރި ދުވަސްވަރެއްގަ އެވެ.

ޕޮއެޓްރީ ތެރަޕީގައި، ތެރަޕިސްޓް ފަރުވާގެ ތެރެއަށް ޅެން ހިމަނާފައިވަނީ، އެ މީހެއްގެ އަމިއްލަ އިހުސާސްތައް ނުވަތަ ތިމާ އާއި އަނެކުންންގެ އިހުސާސްތައް ދެނެގަނެވޭތޯ އެވެ. ޅެން ކިޔުމާއި ލިޔުމަކީ މީހަކަށް ރަނގަޅަށް މުއާމަލާތްކޮށް، އެ މީހެއްގެ ޖަޒުބާތުތައް ފާޅުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނަމަވެސް، މިއީ ހަމައެކަނި މީގެ ބޭނުންކޮށްގެން ކުރެވޭނެ ފަރުވާއެއް ނޫނެވެ.

މި ސަބަބަށްޓަކައި އާންމުކޮށް ތެރަޕިސްޓުން ޕޮއެޓްރީ ތެރަޕީ އެހެން ބާވަތްތަކުގެ ތެރަޕީގެ ތެރެއަށް ވައްދަ އެވެ.

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ގުޅިގެން އިލްމީ ދިރާސާ އެއް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ޅެމުން ނަފްސާނީ ފަރުވާ ދެވޭނެގޮތްތަކާމެދު، ފަންނީ މަސައްކަތްތަކާ ގުޅޭގޮތުން ދާއިރާގެ ފަރާތްތަކާ އެކު މިހާރު ވަނީ މަޝްވަރާގެ ބައްދަލުވުންތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން -- ފޮޓޯ: މިނިސްޓްރީ

ޅެމުން ނަފްސާނީ ފަރުވާދިނުމަކީ ދުނިޔޭގައި ކުރަމުން އަންނަ ކަމަކަށްވާއިރު، މިއީ ރާއްޖެއަށް ވަރަށް އައު ކަމެކެވެ. އަދި ބައެއް ފަރާތްތަކަށް ގަބޫލުކުރަން ދަތި ކަމެކެވެ. ނަމަވެސް ޅެންވެރިކަމާއި ނަފްސާނީ ފަރުވާއާ ހުރި ގުޅުމަކީ ޖޯކަކަށް ހަދާއިރު ޅެންވެރިކަމުން ނަފްސާނީ ގޮތުން އަސަރެއް ނުކުރާ ނަމަ، ކުއްލިއަކަށް ކޮންމެވެސް ދިމާލަކުން އިވޭ ލަވައެއް މުޅި ދުވަހު ބޮލުތެރޭ އެ އެނބުރެނީ ކީއްވެ ހެއްޔެވެ؟

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *