އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި މުހައްމަދު އަލީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓާއި ދެކޮޅަށް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަލީ ގައްދޫ ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާންކޮށްފި އެވެ.

އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއިޓީ މިނިސްޓަރ މުހައްމަދު އަލީއަކީ، ޕީއެންސީގެ ޕްރައިމަރީގައިވެސް ވާދަކުރައްވާނެކަން ފުރަތަމަ އިއުލާންކުރެއްވި ފަރާތެކެވެ. ނަމަވެސް ޑެޕއިޓީ މިނިސްޓަރުކަން ލިބިވަޑައިގެންނެވުމުން، އޭނާ ވަނީ ނަން އަނބުރާ ނަގައިފަ އެވެ. އަދި ޕްރައިމަރީގައި ވާދަނުކުރައްވާނެކަން އޭރު އިއުލާންވެސް ކުރި އެވެ.

މުހައްމަދު އަލީ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ގައްދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ދާއިރާއަށް ވާދަކުރަނީ ސަރުކާރާއި ގުޅިގެން ދާއިރާގެ ތަރައްޤީ ކަށަވަރުކުރުމަށް ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ.

ގައްދޫ ދާއިރާގެ ޕީއެންސީ ޓިކެޓު ލިބިވަޑައިގެންފައިވަނީ މަހުމޫދު ޝަފީގް (މަހޫ) އަށެވެ.

"ޖަޒީރާ" އަށް މައުލޫތު ދެއްވަމުން މަހޫ ވިދާޅުވީ އަމިއްލަގޮތުން ވާދަކުރެއްވުމަށް ޑެޕިއުޓީ މިނިސްޓަރަކު ނިންމެވިނަމަވެސް، ސަރުކާރުގެ ތާއީދު އޮތީ އޭނާއަށް ކަމަށެވެ. އަދި އެހެން ކެނޑިޑޭޓަކަށް ސަރުކާރުގެ ތާއީދު އޮތްކަމަށް ބުނެ ދައްކާ ވާހަކައަކީ ހަޤީޤަތެއް އޮތް ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މަހޫ ވިދާޅުވީ ސަރުކާރުގެ މިނިސްޓަރުންވެސް އެހެން އަމިއްލަ ކެނޑިޑޭޓަކަށް ތާއީދުކުރައްވާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދިޔަ ދުވަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ޕްރިމަރީ ކާމިޔާބުކޮށް، ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ފަރާތަށް އެހެން ކެންޑިޑޭޓުން އެރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުން އަމިއްލަގޮތުން ވާދަކުރެއްވުން ފަދަ ކަންކަން ހިނގައިދާކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު އެ ދުވަހު ޕާޓީގެ ހުރިހާ މެމްބަރުންވެސް އިލްތިމާސްކުރެއްވީ އެގޮތަށް ކަންތައްތައް ނުކުރެއްވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *