ސޮނީ ސްޕޯޓްސް ގޯލްގެން ފުޓްސަލް ޗެލެންޖު 2024ގެ އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދައިފިއެވެ.

އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ބޮޑުފުޅަދޫގެ މައްޗަށް ފަހަތުން އަރާ 2-5 އިން ކުރި ހޯދައިގެންނެވެ. މިއީ މަތިވެރިން އަތޮޅު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބޮޑުފުޅަދޫން ވަނީ މަތިވެރީގެ މައްޗަށް ފައިނަލުގައި ކުރި ހޯދާފަ އެވެ.

ރޭގެ ފައނަލް މެޗުގައި މަތިވެރިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ތިން ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ. ފިރާޝް އަރިމަތިން ހުސްކޮށްލާފަ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަލްސަން އެވެ. އޭގެ ފަހުންވެސް މަތިވެރިން ވަނީ އިދިކޮޅު ގޯލާ އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވާލާފަ އެވެ.

ބޮޑުފުޅަދޫއަށް މި މެޗުގައި ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝިރުހާން އެވެ. މި ލަނޑަށްފަހު ވެސް ދެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް އަވަހަށް ގޯލެއް ޖެހުމަށް މަސައްކަތްކޮށްފަ އެވެ. ނަތީޖާއަކަށްވީ މެޗުގެ 23 ވަނަ މިނެޓުގައި މަތިވެރީ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ފުރަތަމަ ފަހަރަށް ބޮޑުފުޅަދޫ އިން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިއުޝާން ދިން ޕާހަކުން އަލީ ޝަނީޒް އެވެ.

މި ލަނޑަށްފަހު ބޮޑުފުޅަދޫއަށް ލީޑު ހިފަހައްޓާލެވުނީ އެންމެ މިނެޓަކަށެވެ. މަތިވެރީގެ ފިރާޝް ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލު ދަނޑި ކައިރިން ފިޒާން ވަނީ ގޯލުގެ ތެރެއަށް އަމާޒުކޮށް އެޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. މި ލަނޑަށްފަހު މަތިވެރީގެ އަލީ އަލްސަން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަދި އއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އަލީ އަލްސަން އެވެ.

މި އަތޮޅުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ބޮޑުފުޅަދޫގެ މުހައްމަދު ޝިރުހާން އެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ވަނީ ރަން މެޑައްޔާއެކު އަތޮޅު ޗެމްޕިއަން ޓްރޮފީވެސް ހަވާލުކޮށްފަ އެވެ.

މި މުބާރާތުގައި ރޭ ވަނީ އދ. އަދި ށ. އަތޮޅުގެ ފައިނަލް ވެސް ކުޅެފަ އެވެ. އދ. އަތޮޅުގެ ޗެމްޕިއަންކަން މަހިބަދޫން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން މާމިގިލި 0-2 އިން ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫއަށް 2 ލަނޑު ކާމިޔާބުކޮށްދިން އިބްރާހިމް އުސާމާ ހަސަން އެވެ. އެ އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް، މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހީ ދަނގެތި ޓީމުގެ އަހުމަދު ސުދައިސް އަލީ އެވެ.

ށ. އަތޮޅު ފައިނަލުގައި ކަނޑިތީމާއި ފޭދޫ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ކަނޑިތީމު މޮޅުވީ 8-6 އިންނެވެ. މިއީ ކަނޑިތީމުން އަތޮޅު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރު އެ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން، ފޯކައިދޫ އަތުން ބަލިވެފަ އެވެ.

މެޗުގައި، ކަނޑިތީމުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. އޭނާއަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ އަހުމަދު ރިޒާން އެވެ. ފޭދޫ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ސިރްފާން އާއި މާޒިލް މުހައްމަދު އަދި އަހުމަދު ފާއިން މުހައްމަދު އެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *