ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން، ކޯޓުތަކަށް ސިޓީއެއް ފޮނުވޭގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހަދައިފި އެވެ.

ޕީޖީ އޮފީހުން ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މައްސަލާގައި އަނިޔާ ލިބުނު މީހާއަށާއި މައްސަލަ ހިނގަމުންދާގޮތާއި ތާވަލުކުރާ ދުވަސްތަކާއި އަދި އެދުވަސްތަކުގެ މައްސަލައަށްވީގޮތް އޮފީހުގެ ވެބްސައިޓުން ބެލޭނޭކަމަށް ޕީޖީން ބުންޏެވެ. 

ޕީޖީން ބުނީ އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާ ގޮތާ ބެހޭ މައުލޫމާތު ދިނުން ކަމަށެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުންކުރާ މަސައްކަތްތައް އޭނާއަށް އަންގައިދިނުންކަމަށެވެ.

ޤާނޫނު ނަންބަރު: 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ (މަޤްޞަދު) ގެ (ށ) ގައި ބަޔާންކުރާގޮތުން، އެ ޤާނޫނުގެ އެއް މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުމެވެ.

ޕީޖީން ބުނިގޮތުގައި ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދަޢުވާ އުފުލޭ ހާލަތުގައި، މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި، އަވަހަށް އިންސާފު ގާއިމުވުމަކީ، ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެކެވެ. އަދި ޕީޖީ އޮފީހުން ދައުވާ ކުރާ ގެވެށި އަނިޔާއާގުޅޭ މައަސަލަތަކުގެ ޝަރީއަތް ހިންގުމަށް ގާނޫނުގައި ހުރި މުއްދަތުތަކާއި އެއްގޮތައް  ވީހާވެސް އަވަހަށް މައްސަލަ ތާވަލުކޮށް، މައްސަލާގެ ޝަރީއަތް ހިންގައި، މައްސަލަ ނިންމައިދިނުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *