ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅު ޗެމްޕިއަންކަން ހޯދި ދުވާފަރު ޓީމު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދައިފި އެވެ.

ރ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ދުވާފަރުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި އަލިފުއްޓާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ދުވާފަރުން އަތޮޅު ޗެންޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ.

ދުވާފަރު އަތޮޅު ބުރުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއި އެކު 7-1 ގެ ނަތީޖާއަކުން ހުޅުދުއްފާރު ބަލިކުރުމަށްފަހު އެވެ. އަދި އަލިފުށި ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާ އަކުން އިނގުރައިދޫ ބަލިކުރުމަށްފަހު އެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ދުވާފަރުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސްލިމް މުހައްމަދު (ރޮނާ) އެވެ.

ދުވާފަރުގެ ލަނޑަށްފަހު ދެޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ. މި ހާފުގައި ދުވާފަރުގެ ކީޕަރު ވަނީ އަލިފުށިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގައި އަލިފުއްޓަށް ވަނީ ނަތީޖާ ހަމަހަމަކުރަން ފުރުސަތު ލިބި އޭގެ ބޭނުން ނުކުރެވި އެވެ. އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ 6 މިނިޓުގެ ކުޅުން ނިމުނުއިރު، އެޓީމަށް ވަނީ ދުވާފަރުން ފަސް ފައުލްކޮށްފަ އެވެ. އެއާއެކު ހަވަނަ ޕެނަލްޓީއެއް ހޯދައި ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު ވަނީ އެޓީމަށް ބޭނުން ނުކުރެވިފަ އެވެ.

ނަތީޖާއަކަށްވީ ދުވާފަރުން ފައުލެއް ނުކޮށް، މެޗުގެ ބާކީ ބައި ރަނގަޅަށް ކުޅެ އިތުރު ދެ ގޯލު ކާމިޔާބުކޮށް އަތޮޅު ޗެމްޕިއަންކަން ހޯދުމެވެ. އެގޮތުން ދުވާފަރުގެ ދެވަނަ ލަނޑު 35 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުސްލިމު (ރޮނާ) ކާމިޔާބުކުރި އިރު، ތިންވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ދުވާފަރު އިސްމާއިލް އީސާ (މެސީ) އަށެވެ. އަދި ރ.އަތޮޅުގެ އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދުވާފަރު ޓީމުގެ މުސްލިމް މުހައްމަދު (ރޮނާ) އެވެ. އެޓީމަށް އަތޮޅު ޗެމްޕިއަން ޓްރޮފީއާއެކު ގޯލްޑް މެޑަލް ވެސް ލިބިފަ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *