ލައިބާ އަހުމަދު މަހްލޫފް (އާންމު ނަމުންނަމަ އެލީ) އަކީ އުމުރުން އެންމެ ފަސް އަހަރުގައި ބެޑްމިންޓަން ރެކެޓެއްގައި ހިފާލި، އެހެންނަމަވެސް ބޮޑު ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ވަރުގަދަ އަޒުމެއްގައި އެ ރެކެޓުން ދޫކޮށް ނުލާ ހުރިި ކުއްޖެކެވެ.

މިއީ ފިންލެންޑް އިންޓަނޭޝަނަލް ސުކޫލުގެ ގްރޭޑް 5 ގައި ތައުލީމު ހާސިލް ކުރަމުންދާ އުމުރުން އެންމެ 10 އަހަރުގެ އެލީއެވެ. އެލީއާއި އޭނާގެ ބެޑްމިންޓަން ރެކެޓަށް ބަލާއިރު ފެންނަނީ 10 އަރަށްވުރެ މާ ދޮށިކޮންނެވެ.  އެލީގެ އުމުރުފުރައާއި ބަލާފައި ބެޑްމިންޓަންގައި އެލީގެ ތަޖުރިބާ ބޮޑޭ ބުނެވިދާނެއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކާއި ކާމީޔާތައް ހޯދައިފިއެވެ.

6 އަހަރުގެ އެލީ ބައްޕަ އާއި އެކު ބެޑްމިންޓަން ކުޅެނީ

މިއަދު އެލީއަކީ 11 އަހަރުގެ ދަށުގެ އުމުރުފުރާގެ ރާއްޖޭގެ އެއްވަނަ ނަމްބަރު ބެޑްމިންޓަން ކުޅުންތެރިޔާއެވެ.

ބައިނަލް އަގްވާމީ މުބާރާތްތަކުން 2023 ވަނަ އަހަރު އެލީ ހޯދި 2 ރިހިމެޑަލް އާއި 5 ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި ފާއިތުވި ދޮޅު އަހަރުތެރޭގައި އެލީ ވަނީ ޖުމްލަ 13 ރަން މެޑަލް އާއި 1 ރިހި މެޑަލް އަދި 4 ލޯ މެޑަލް ރާއްޖޭގައި ބޭއްވި މުބާރާތްތަކުން ހޯދާފައެވެ.

ބޮޑުވެގެންވާން ބޭނުންވަނީ ރާއްޖެ ފަހުރުވެރިވާފަދަ މޮޅު ޕްރޮފެޝަނަލް ބެޑްމިންޓަން ޕްލޭޔަރަކަށް ކަމަށް އެލީ ބުންޏެވެ.

އެލީ އޭނާގެ ބައްޕަ މަހްލޫފް އާއިއެކު

އެލީގެ އުންމީދާއި، ހުވަފެންތަކުގައި ކުލަ ޖައްސައިދިނުމަށް، އަތުކުރި އޮޅާލައިގެން ނިކުތީ އެލީގެ ބައްޕައެވެ. ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. އެލީގެ އުމުރުން 6 އަހަރުގައި ބެޓްމިންޓަނަށް ޝައުގު އުފައްދާ އެ ގޭމުގެ ތެރެއަށް ވަދެވުނީ ބައްޕަ އާއި އެކު ބެޓްމިން ކޯޓަށް ގޮސް ކުޅުމުގެ ތެރެއިންނެވެ.

އަޅުގަނޑު ސީރިއަސްކޮށް ބެޑްމިންޓަން ކުޅެން ފެށީ އުމުރުން 9 އަހަރުގައި، ކުޑައިރު ބައްޕަ އާއިއެކު ކުޅޭ ތަނަށް ދާތީ އެލީ މި ކުޅިވަރަށް ޝައުގުވެރިވީ"

އެލީއަށް ބެޑްމިންޓަންގެ ތެރެއަށް ވަދެވުނުގޮތް ކިޔައިދެމުން އެލީގެ ބައްޕަ ބުނީ އެންމެ ފުރަތަމަ ބެޑްމިންޑަން ކުޅެން ދަރިފުޅު ގެންދިޔައީ 5 އަހަރުގައި އެކުވެންޏަށް ކަމަށެވެ.

އެތަނުގައި ކުޑަކޮށް ކުޅެލުމުން، ބޯޅަ އާއި ރެކެޓާއި ވަރަށް ގިނަފަހަރު ދިމާވާކަން ފާހަގަ ކުރެވުމުން، އެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ފަށައިގަތީ އޭގެ މާ ފަހުން ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ އަދި ކޯޗު އަޖުފާންގެ "އަޖުފާން އެކަޑަމީ" އިން ކަމަށެވެ.

އެލީ އިޓަލީގައި އޮތް މުބާރާތެއްގައި ބައިވެރިވުން

ޕްރޮޕެޝަނަލް ލެވެލެއްގައި ބެޑްމިންޓަން ކުޅުމުގެ އުންމީދު އަދި އެ ހިތްވަރު އެލީ ހޯދީ 2023 ވަނަ އަހަރުގެ މެދު ތެރޭގައެވެ. މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނަގައިގެން އެލީ ބެޑްމިންޓަން ކުޅެން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވިޔަސް އެލީގެ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އޭރު އަޖުފާން އެކަޑަމީން ބޭއްވި މުބާރާތެއް އެއީ އެލީގެ ފުރަތަމަ މުބާރާތެވެ. އެ މުބާރާތުން 3 ވަނަ ހޯދިއެވެ.

އެކަޑަމީގައި ޗައިނާ ކުއްޖެއްގެ އަތުން އެފަހަރު އެ ކުއްޖާއަށް 30 ޕޮއިންޓް ލިބުން އިރު އެލީއަށް ލިބުނީ 3 ޕޮއިންޓް. އެދުވަހު ވަރަށް ރޮއެފަ މިވާހަކަ ދެއްކި. އޭގެ ފަހުން ދެން އެލީ ސީރިއަސްކޮށް މިކަމުގެ ތެރެއަށް ވަނީ."

އެ ދުވަހު ރޮވުނު ނަމަވެސް މިއަދު މި ފެންނަނީ މުޅި އާ އެލީ އެވެ. އެއީ އެލީއަށް ފެށުމެކެވެ. މިހާރު އެލީ އެ ގެންދަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާގެ "ރެކެޓްގެ ހޫނުކަމާއި ހުށިޔާރުކަން" ދައްވަމުންނެވެ.

ފަރިތަ ކަމާ އެކު އެ ހޫރުވާލާ ރެކެޓުން އެ ޖަހާ ކޮންމެ ބޯޅައަކީ އެލީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރަށް މުހިންމު ތަޖުރިބާއެކެވެ.

މިއަދު ބައިނަލްއަގްވާމީ ކޯޓުތަކާއި މާލެއާއި ރާއްޖޭގެ ރަށްރަށުގެ ބެޑްމިންޓަން ކޯޓުތަކަށް އެލީ ނިކުމެ މިހުރީ ވަކި ހިސާބަކުން ރެކެޓާއި ބޯޅަ ދޫކޮށްލާފައި ދާ ގޮތަކަށްވެސް ނޫނެވެ. އޭގެ ބަދަލުގައި އެލީ މިހުރީ ރާއްޖެ ފަހުރުވެރިވާފަދަ ގޯލްޑް މެޑަލެއް ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ.

އެލީ މިއަންނަނީ މަންމަ އާއި ބައްޕަގެ އެހީތެރިކަމާއެކު އޭޝިއާ އާއި ޔޫރަޕްގައިވެސް ބެޑްމިންޓަންގެ ތަޖްރިބާ ހޯދަމުންނެވެ. އެލީ ބުނީ އެފަދަ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިއެއްގެ ގޮތުގައި ވާދަކުރެވުމަކީ އެލީއަށް ލިބޭ ނުހަނު ބޮޑު އުލަފެއް ކަމަށެވެ.

އެލީއަށް މިހާތަނަށް އެންމެ ފާހަގަ ކޮށްލެވޭ، އަދި އެލީގެ ކުޅުމާއި މެދު ފަހުރުވެރިވެވޭ މުބާރާތަކީި އައްޑޫ އޯޕަން ކަމަށް އެލީ ބުންޏެއެވެ. ރާއްޖޭން ބޭރުގައި ކުޅެވުނު މުބާރާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އެސްޓޯނިއާގައި އޭނާ އެންމެ ފަހުން ކުޅެފައިވާ މުބާރާތެވެ.

އެލީގެ މި ދަތުރުގައި އެލީއަށް އެންމެ ބޮޑު ހިތްވަރެއް ދެނީ މަންމަ އާއި ބައްޕަ ކަމަށް އެލީ އުލަފާއި އެކު ފާހަގަ ކުރިއެވެ. އެލީ އެންމެ ބޮޑަށް ޝުކުރު އަދާކުރަން ބޭނުން ވަނީވެސް މަންމަ އާއި، ބައްޕަ އާއި، އެލީގެ ކޯޗަށެވެ. އަދި ހަމަ މި ލިސްޓަށް އެލީ ވަނީ މޫސަ ސަރގެ ނަންވެސް އިތުރުކޮށްލާފައެވެ.

އެލީގެ ހުވަފެން ރަނުން ރަނަށް ހާސިލްކޮށްދިނުމުގައި އެލީގެ މައިންބަފައިން ތިބީ ތައްޔާރަށެވެ. އެލީއަށް ބައިނަލްއަގްވާމީ ލެވެލްގައި ލިބެން އޮތް އެންމެ ގިނަ ފުރުސަތުތައް ހޯދައިދީގެން އެލީ އުހަށް ގެންދިއުމުގެ ފޮނި އުންމީދު ކުރާ ކަމަށް އެލީގެ މަންމަ ނަޒްރާ ނަސީމްވެސް ބުންޏެވެ.

ސީނިއާ ލެވެލެއްގައި އެލީ، ރާއްޖެއަށް ވީހާވެސް ރީތި ނަމެއް ހޯދައިދިނުން އެއީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް"

އެލީ މަންމަ އާއި ބައްޕަ އާއި އެކު

އެލީގެ ބައްޕަ ބުނީ އެލީގެ ކެރިއާ ކުރިއެރުވުމަށް ވަގުތު ހޯދާއިރު ސުކޫލުން ވަރަށް ބޮޑު އެއްބާރުލުމެއްދޭ ކަމަށެވެ.

ކިޔެވުމާއި ދެބައި އެއްކޮށް ވީހާވެސް ބެލެންސް ކުރެވޭތޯ ބަލަނީ. އަޅުގަނޑު ޕްރެޝަރއެއް ނުކުރަން ކުލާހުގައި ނުވަތަ ސުކޫލުގައި އުޅޭ އެންމެ މޮޅު ކުއްޖާއަށް ވާކަށް. ހަމަ ކިޔަވަދޭ އެއްޗެއް ރަނގަޅު ދޭހަވާވަރުވީމަ ހިތްހަމަޖެހޭ. އިރާދުކުރެއްވިއްޔާ އެލީގެ ލެވެލްގައި ހާސިލްވާން ޖެހޭ މިންވަރަށް ހާސިލްވޭ"

އެލީ ވަނީ އައްޑޫ އޯޕަން، ނައިފަރު އޯޕަންސްގައި އަދި މާލޭގައި ބާއްވާ މުބާރާތްތަކުގައިވެސް ބައިވެރިވެފައިވެއެވެ. އެލީ އެންމެ ފަހުން ކުޅެފައިވަނީ މިއަހަރު ބޭއްވި ނައިފަރު އޯޕަންސްގައެވެ. އަދި މިއަހަރު ބާއްވާ އޭދަފުށި އޯޕަންސްގައި ބައިވެރިވުމަކީ އެލީގެ އުންމީދެކެވެ.

އެލީގެ ބައްޕަ ބުނީ މި މުބާރާތްތަކަކީ އެލީއަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ.

ކޮމްޕެޓިޝަން އޮތީމަ ކުއްޖާއަށް ގިނަ ތަޖުރިބާ މި ލިބެނީ، ރާއްޖޭން ބޭރުގެ މުބާރާތްތައްވެސް އޮންނަ ތާރީހުތައް ބަލައިގެން އެބަ ބަލަން އެލީ ބައިވެރިކުރެވޭތޯ. އޭޝިއާ އާއި ޔޫރަޕްގެ އެ މުބާރާތްތަކުގެ ރަނގަޅު ކަމަކީ އެބަލިބޭ ބައިވަރު މެޗު ކުޅެން. އެއީ ވަރަށް ބޮޑު ތަޖުރިބާއެއް ހަގީގަތުގައި ކުއްޖާއަށް ލިބޭ."

އެލީ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަކަށް ދިޔައީ މިދިޔަ އަހަރު (2022) ގައި އިޓަލީގައި އޮތް މުބާރާތަކަށެވެ. އެކި ގައުމުތަކުގެ މިއުމުރު ފުރާގެ ކުދިންގެ ކުޅުން ފެނި ތަޖްރިބާ ކުރެވި ދެން އެލީ މަސައްކަތް ކުރަންވީ އަމާޒު ފެންނަ ފެށީ އިޓަލީގައި ކުޅުނު މުބާރާތުން ކަމަށް އެލީގެ ބައްޕަ ބުންޏެވެ.

އޭގެ ފަހުން އެލީ ވަނީ އޮސްޓްރިއާ، ހޮލެންޑް، ސްލޮވީނިއާ ލެތްނިއާގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ އާއި އެކު މެޗުތައް ކުޅެފަ."

އެލީ އެންމެފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރީ ޑިސެމްބަރު 2023 ގައި އާއިލާ އާއި އެކު ސުކޫލުގައި ބަންދުގައި އުމުރާއަކަށް ސައުދީއަރަބިއްޔާއަށް ކުރި ދަތުރުގައެވެ. މައްކާގައި އުމުރާގެ އަޅުކަން އަދާކުރުމަށްފަހު  ވަގުތު ހޯދައިގެން މިވަނީ ސައުދީ އަރަބިއްޔާގެ މުބާރާތުގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފައެވެ. އެއަށްފަހު މާލެ އައިސް އެންމެ ފަހުން މި ބައިވެރިވީ ނައިފަރު އޯފަންސް ގައެވެ.

އެލީ ސައުދީގައި އޮތް މުބާރާތެއްގައި ބައިވެރިވުން

އެލީ ބުނީ އޭނާއަށް ރާއްޖެއިން އެންމެ ’ފޭވަރިޓް‘ ބެޑްމިންޓަން ކުޅުންތެރިންނަކީ ނަބާ އާއި ނަބީ ކަމަށެވެ. ރާއްޖޭން ބޭރުގެ ކުޅުންތެރިންގެ ތެރެއިން އެލީއަށް އެންމެ ކަމުދާ ކުޅުންތެރިޔަކީ ސައުތު ރޮކެއާގެ އެއް ނަމްބަރު ބެޑްމިންޓަން ކުޅުންތެރިޔާ، އާން ސޭ ޔަން އެވެ.

ނިންމާލަމުން އެލީ ބުނީ އެލީ ބޭނުންވަނީ ވީހާވެސް ގިނަ ކުދިން ބެޑްމިންޓަންގެ ތެރެއަށް ވަނުމަށް ކަމަށާއި، މިއީ ވަރަށް މަޖާ ކުޅިވަރެއް ކަމަށެވެ.

ފިއުޗާގައި އެލީ ބޭނުންވަނީ ބޭރު ގައުމެއްގެ ޓޯނަމެންޓަކުން ގޯލްޑެއް. ފުރަތަމަ ފޯކަސް ކުރަނީ ބޭރުގައުމަކުން ގޯލްޑެއް ހޯދަން. އަދި އިންޓަރ ސުކޫލު ސިންގަލްސް އިން ގޯލްޑެއް ހޯދަން."

އެލީގެ މި ބޮޑު އުންމީދުގައި ރަން ކުލަ ޖެހުމަކީ ޖަޒީރާއިން އެދޭ އެދުމެވެ.

2
1
2
4
6

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *