ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިންގް ކޭމްޕްއިން ފައިލޭރިއާއަށް ޕޮސިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރަށު ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތައް ހިމެނޭ ޓާސްކް ފޯހެއް އެކުލަވާލައިގެން ބައްޔަށް ސްކްރީން ކުރުން އިތުރަށް ފުޅާކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 295 ބިދޭސީން ސްކްރީން ކުރެވި އިތުރު ފަރާތްތތައް ސްކްރީން ކުރަން ފަށާފައިވާކަމަށެވެ. އެގޮތުން ބައްޔަށް ޕޮސިޓިވް ވެފައިވާ ބިދޭސީ މަސައްކަތްތެރިންނަށް ބޭސް ދީ ފައިލޭރިއާ ޓެސްޓްކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ކުޅުދުއްފުއްޓަށް ފޮނުވާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން އިތުރު ޓެސްޓް ކިޓުތައް ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ މަދިރި ކޮންޓަރޯލްކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ. އެގޮތުން ރަށު ތެރޭ މަދިރި އުފެދޭ ގޮތަށް ހުންނަ ތަން ތަން ބަލާ ނައްތާލާ، ސާފުކުރުމުގެ ހަރަކާތްތަކާއި ފޮގް ކުރުންވެސް ކުރިއަށް ގެންގޮސްފައިކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ބޮޑެތި ފެންގަނޑުތަކުގައި މަދިރި އާލާވޭތޯ ބަލާ ނައްތާލާ މީޑިއާ މެދުވެރިކޮށް މަދިރި ކޮންޓްރޯލް ކުރުމާއި ގުޅޭގޮތުން މައުލޫމާތުވެސް ދަނީ ފޯރުކޮށްދެމުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ބައްޔަށް ހޭލުތުންތެރިކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށި ހޮސްޕިޓަލުގެ ޓާސްކް ފޯހަށް މައުލޫމާތު ދިނުމާއި ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިއުން ހިމެނޭކަމަށެވެ.

އަދި ބައްޔާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ޚާއްސަކޮށްގެން މައުލޫމާތު ދިނުމާއި މާލޭ ސަރަހައްދުގެ އަދި އަތޮޅު ހޮސްޕިޓަލުތަކުގައި ސިއްހީ ޚިދުމަތްތެރިންނަށް މައުލޫމާތު ދިނުމާއި، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މަރުކަޒެއްގެ މުވައްޒަފުންނަށް މައުލޫމާތުދިނުމަށް ރާވާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ނައްތާލަން ކުރަމުންދާ މަސައްކަތްތައް ނިންމާލުމާއިއެކު އިތުރު މަސައްކަތައް އަދިވެސް ރޭވިގެންދާނެކަމަށެވެ. އެގޮތުން ކުޅުދުއްފުށިން ރޭންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ޓެސްޓްކުރުމާއި ، ބިދޭސީ މަސައްކަތްތެރިންނަށް އެމީހުނަމަށް ދަންނަ ބަހުރުވައަކުން ޕޯސްޓަރާއި ވީޑިއޯ ތައްޔާރުކޮށް ، ސާވައިލެންސް އާއި ރިޕޯޓިން އިތުރަށް ހަރުދަނާ ކުރުން ހިމެނޭކަމަށް އެޗްޕީއޭއިްނ ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް ފައިލޭރިއާގެ ސްކްރީނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *