ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ އެޖެންޑާއިން އުނިކޮށްފިއެވެ.

މި މައްސަލަ އެޖެންޑާއިން އުނިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.

ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ ރިޕޯޓް މަޖިލީހުގެ އެޖެންޑާގައި ހިމެނިފައި އޮތީ، މަޖިލީހުގެ 200 ވަނަ މާއްދާގެ ވ،ރ ކ އަދި އ ގައި ބަޔާންކޮށްފައި އޮތް ހަމަތަކާ ހިލާފަށް ކަމަށެވެ.

އަދި އެ މާއްދާތަކުގައި ހުރި ކަންކަން އެ ރިޕޯޓުގައި ފުރިހަމަ ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އެހެން ކަމުން އެ ރިޕޯޓަށް ވޯޓަށް އެހިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަދި ޤާނޫނު އަސާސީގެ 116 ވަމަ މާއްދާގައި ހ އަދި 200 ވަނަ މާއްދާގެ އ އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކާއި، ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސައްކަތްތަކަކީ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން މަސައްކަތްތަކެއް ކަމަށް ހިސާން ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުން މި މިނިސްޓްރީތައް ޤާއިމްކޮށް 30 ދުވަސް ވެފައި ވާއިރު މަޖިލީހަށް މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ، މެންޑޭޓް ދިރާސާ ނުކޮށް މިނިސްޓަރުންނަށް ރުހުންމިދެނީ އެބޭފުޅުން ކޮން މައްސޫލިއްޔަތެއް އަދާކުރުމަށް ކަން ރިޕޯޓުން ސާފުނުވާކަން ހިސާން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކޮމިޓީއަށް އެ މެންޑޭޓް ފޮނުވާފައި ނެތުމުން އެއީ ދިރާސާކުރެވޭނެ މައްސަލައެއްވެސް ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ރިޔާސަތުން ވަނީ ހިސާން ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެފައެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށްފަހު އެ މައްސަލަ މަޖިލީހުގެ އެޖެންޑާއިން އުނިކުރުމަށް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *