ޣައްޒާގެ ހޮސްޕިޓަލެއްގައި ފަލަސްތީނު ބަޔަކު ހިތާމަފާޅުކުރަނީ - ފޮޓޯ: ޖަޒީރާ

އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރުން ފަލަސްތީނުގެ މުސްލިމުންގެ ޖީލުތައް ނެތިކޮށްލުމަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ތެރެއިން އިސްރޭލް ސިފައިން ޖަބާލިއާ އާއި ނުސެއިރަތު ރެފިޖީ ކޭމްޕަށް ބޮން އަޅާ 90 މީހުން ޝަހީދުކޮށްލައިފިއެވެ.

ރެފިއުޖީންގެ ދިރިއުޅުމުގެ ހާލަތު އެހާމެ ދަށްވެފައިވާއިރު އެ ޖަބާލިއާއަށް އަނެއްކާވެސް ވައިގެ މަގުން ހަމަލާދިން އިރު، އިޒްރޭލު ސިފައިން އަންނަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށްވެސް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ޣައްޒާގެ ހާލަތާއި، ހާއްސަކޮށް ޣައްސާ ސިޓީގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލްގެ ހާލަތު ބަޔާންކޮށްފައިވަނީ "މުޅިން ބިރުވެރި މަންޒަރެއް" ކަމަށް ސިފަކޮށެވެ. އަދި ކަމާލް އަދްވާން ހޮސްޕިޓަލް އެއްކޮށް އިޒްރޭލު ސިފައިން ނައްތާލުމަކީ "ބިރުވެރި" އަމަލެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

މިއަދު ދިން ވައިގެ ހަމަލާތަކުގެ އިޒްރޭލް ސިފައިން ވަނީ، ނުސެއިރަތު ރެފިއުޖީ ކޭމްޕްގައި އުޅުނު އެއް އާއިލާއެއްގެ 10 މީހުން ޝަހީދުކޮށްލާފައެވެ. އާއިލާތަށް ނެތިކޮށްލާ ސުންނާފަތި ކުރަމުންމުން އަންނަ އިރު ހަމާސްއަށް ދޭ ރައްދެއް ކަމުގައި ބުނެ ފެށި ހަނގުރާމައިގައި އިޒްރޭލު ސިފައިން ޓާގެޓް ކުރަނީ ކުށެއްނެތް އާންމުންނާއި، އަންހެނުން އަދި ތުއްތު ކުދިންނަށެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނައި އޮންނަ ރަފާ ސިޓީފައި ބަނޑުހައިހޫނުކަންމަތީ ކާބޯތަކެއްޗާއި އިންސާނީ އެހީއަށް އެދިއެދި ތިބި ފަލަސްތީނުގެ ރައްޔިތުންގެ މާޔޫސްކަން އިތުރުވަމުންދާއިރު، އެ މީހުން ގެންދަނީ ބޯފެނާއި، ކާނާ ހޯދުމަށް ރަފާއަށް އެތެރެވާ ޓްރަކްތައް ލޫޓުވަމުންނެވެ. އަދި ކާ ބޯތަކެއްޗަށް އެދި އާދޭސްކޮށް ސަލާމް ޖަހަމުންނެވެ.

މުސްލިމުންގެ ހާލަތު މިފަދަ ނިކަމެތި ދަރަޖައަށް ވައްޓާލާ އިންސާނީ ކަރާމަތާއި ދިރިހުރުމުގެ ހައްޤަށް އަނިޔާވެރި އިޒްރޭލުގެ ޔަހޫދީން އަރަގެންފައިވާއިރު، އިޒްރޭލުގެ އަނިޔާވެރި ހަނގުރާމަ ފިނިކުރުމަށް މަޝްވަރާކޮށް ހަނގުރާމަ ހުއްޓުވުމުގައި މުސްލިމު އަރަބި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް ވަނީ ނުކުޅެދިފައެވެ. އޭގެ ބަދަލުގައި އެމެރިކާ ފަދަ ބޮޑެި ބާރުތަކުން އަންނަނީ އިޒްރޭލަށް ހަނގުރާމައިގެ އާލާތްތައް ފޯރުކޮށްދީ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ހިތްވަރުދެމުންނެވެ.

މާތް ﷲ ސުބުޙާނަހޫ ވަތައާލާ މާތްކުރައްވާފައިވާ، މުސްލިމުންގެ އެންމެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިންތައް ފޭރި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް ރެފިއުޖީ ކޭމްޕްތަކުގައި އުޅުމަށް މަޖުބޫރުކޮށް، އެ ގެތަކުގައި އިޒްރޭލުގެ ޔަހޫދީން އާބާދުކުރަމުންދާއިރު ބައިނަލްއަޤްވާމީ ދުނިޔެ އޮތީ އަތްފައި ބަނދެވިފައެވެ. އަދި އދ އިން ވެސް ވަނީ  މިކަން ހައްލުކުރުމަށް ނުކުޅެދިފައެވެ.

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް ޖެއްސުންކޮށް ގެތަކަށްވަދެ ރެއިޑް ކުރުމާއި މީހުން ހައްޔަރުކުރުމުގެ އަމަލުތައް ހައްދުފަހަނަ އަޅާ ދިއުމުން، ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ވަނީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުގެ ބޯޑަރު ފަޅާލާ ޔަހޫދީންތަކެއް ރަހީނުކޮށްފައެވެ.

އަސީރުންގެ ގޮތުގައި އިސްރޭލުގެ ބަޔަކު ހިފެހެއްޓުމާއި ގުޅިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް 7 އޮކްޓޫބަރުން ފެށިގެން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 18،787 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ހަމާސް އާއި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި އިޒްރޭލުން ގާތްގަނޑަކަށް 1،140 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *