ރާއްޖޭގައި އުޅުނު ބަނގްލަދޭޝް މަސައްކަތްތެރިންތަކެއް - ފައިލް ފޮޓޯ: އަވަސް

ބަނގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަލުން ހުއްދަ ދޭން ސަރުކާރުން ނިންމައިފިއެވެ.

މި ހުއްދަ ދޭން ފެށުމާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް މަސައްކަތްތެރިން މިވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު ކުރި އިއުލާނެއްގައި މިއަދު ވަނީ ބުނެފައެވެ.

އެހެންކަމުން މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަނގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ.

ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅުނު ބަނގްލަދޭޝް މަސައްކަތްތެރިންތަކެއް ރައީސް ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު ރާއްޖެއިން ފޮނުވާލަނީ - ފައިލް ފޮޓޯ: ސަން

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ބަނގްލަދޭޝްގެ މަސައްކަތެރިން ރާއްޖޭގައި ހިންގާ ވަގު ވިޔަފާރިތަކެއް ހޯދާ މިލިއަނަރުންގެ ގޮތުގައި ރާއްޖޭގައި އުޅެމުން ދިޔަ، އަދި ފުޅާ ދާއިރާއެއްގައި މަނީ ލޯންޑްރިންގެ އަމަލު ހިންގި ބާރުގަދަ ބަނގްލަދޭޝް ބަޔަކު ހޯދާ އެމީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް، ބަނގާޅަށް ޑީޕޯޓް ކޮށްފައެވެ.

އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ވަނީ ހުއްދަނެތި ރާއްޖޭގައި އުޅެމުންދިޔަ އެތައް ސަތޭކަ ބަނގްލަދޭޝް މަސައްކަތްތެރިން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. ކުރީ ސަރުކާރުންތަކުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދި ގައުމުން ބޭރުވާ ފައިސާގެ މިންވަރު މަދުކޮށް ގައުމުގެ އިގްތިސާދުގައި އެނބުރޭ ފައިސާގެ މިންވަރު ގިނަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު މި ގެންނަވާ ބަދަލުގެ ސަބަބުން އިކޮނޮމިސްޓުން ވިދާޅުވަނީ ރާއްޖެއަށް ހަމައެކަނި ބަނގްލަދޭޝް މަސައްކަތްތެރިން އެތެރެވުމަށް ފުރުސަތު ދިނުމަކީ އިގްތިސާދަށް އަދި ގައުމަށްވެސް ނުރައްކަލެއް ކަމަށެވެ.

މިހާރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ކުދި ކުދި ތަންކޮޅުތަކުގައި އެތައް ހާސް ބިދޭސީންނެއް އުޅޭއިރު އޭގެތެރޭގައި ގިނަ އަދަދަކަށް ބަނގްލަދޭޝް މީހުން އުޅެއެވެ. އަދި އުނގުވިޔަފާރިއާއި، މާލޭގެ އެތަން މިތަނުގައި މާރުކޭޓުތައް ހިންގުމާއި، ގޯތި ގެދޮރު ކުއްޔަށް ދީގެން ނަފާ ހޯދުމާއި، ކާބޯތަކެތި ތައްޔާރު ކުރުމާއި، ދިވެހި ވިޔަފާރިތައް ހިންގުމުގައި ނުތާހިރުކަން ގެންގުޅޭ މައްސަލަ އާއި، ދިވެހިންނަށް ހުރި ވަޒީފާތަކަށް އެމީހުން ނަގާ މައްސަލަ އޮތީ ހައްލުކުރަން ޖެހިފައިވާ ބޮޑު އިގްތިސާދީ މައްސަލައަށް މި ރާއްޖޭގައި ވެފައެވެ.

އަދި މާލޭ ސިޓީ ކައުންސިލުގައިވެސް ގިނަ އަދަދަކަށް ބަނގްލަދޭޝް މަސައްކަތްތެރި މަސައްކަތް ކުރާކަން ވަނީ ފާހަގަކުރެވިއެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒުގެ ކެމްޕޭން ބެނާތަކާއި، ފޮތިގަނޑުތައް ދަންމަން މާލޭގެ މަގުތަކުގައި ޕޭމަންޓްތަކުގައި ޖެހި ހޮޅިތަށް ޖެހުމުުގައްޔާއި ހޮޅިތައް ނެގުމުގައިވެސް ގިނަ އަދަދެއްގެ ބަނގްލަދޭޝް މުވައްޒަފުން ސިޓީ ކައުންސިލުގެ ޓީޝާޓްގައި ހަރަކާތްތެރިވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *