ރޯދައިގެ ކުރިން ހުޅުވުމަށް އަމާޒުހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން ރާވާފައިވާ ފޯތް ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)ގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ މަގު ބަންދުކޮށް، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އަޅާފައިވަނީ 2010 ވަނަ އަހަރުއެވެ.

އަދި އެކުންފުނީގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަރކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން ކަރަންޓު އިމްޕޯޓް ކުރަން ފެށުމާއިއެކު، މާލޭގެ ދޮންއަދަރާދަ މަގަށްވާގޮތަށް އަޅާފައިވާ އިންޖީނުގޭގައި ބަހައްޓާފައި ހުރި ޖަނަރޭޓަރުސެޓްތައް ބޭނުން ކުރުން ހުއްޓާލައި، އެ ޖަނަރޭޓަރުސެޓްތައް މިހާރު ވަނީ ގްރޭޓާމާލޭގެ ބެކަޕްގެ ގޮތުގައި ހުޅުމާލޭ ބައު އިންޖީނުގެއަށް ބަދަލުކޮށްފައެވެ.

ދޮން އަދަރާދަމަގު ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ މަގު ހުޅުވިގެން ދިއުމާއެކު، އެ ސަރަހައްދުގެ ޓްރެފިކްފްލޯއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، މީގެ ސީދާ ފަސޭހަތައް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހާގީގީ މާނައިގައި ލިބެމުންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތް ނިމި ރަމަޟާންމަސް އަންނަން ވާއިރަށް މަގުހުޅުވާލެވޭނެ. އަދި ހަމަ އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަބަދުވެސް ސްޓެލްކޯ ދެމި އޮންނާނީ ރައްޔިތުންގެ ހިދުމަތުގަ އޭ. އަޅުގަނޑުމެންނަކީ ރައްޔިތުންނަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. އަސާސީ ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކޭ. މިއީ އަސާސީ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ" ފަހުމީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއަދު މިއީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކުންފުނީގެ ލެވެލްގައި ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ފަށާ ދުވަސް ކަމަށެވެ. އަދި އެ މަސައްކަތުގެ ބުރަކަން އިހުސާސްވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުންދީ މާލޭގެ ރައްޔިތުންނަށްޓަކައި، މިއީ ކުރަންޖެހޭ ކަމެއް ކަމަށް ޑރ. އަޒުވަރު ވިދާޅުވިއެވެ.

މީގެއިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ވިދާޅުވީ، އެ މަގު ބަންދުކުރަންޖެހުނީ އޭރު ކޮންމެހެންވެސް އެކަން ކުރަންޖެހިގެން ކަމަށެވެ. ނަމަވެސް، އެ ރިކުއަރމަންޓް މިއަދު ނެތިގޮސް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރުން ފަށައިގެން މާލޭގެ ރައްޔިތުންނަށްޓަކައި، މި މަގު ހުޅުވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި މި މަގު ހުޅުވިގެން ދިއުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް އެކަމުގެ ހިތްހަމަޖެހުން ލިއްބައިދޭނެ ކަމެއް ކަމަށް ނާޒިރު ވިދާޅުވިއެވެ. ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

އޭގެ ތެރޭގައި މާލެއާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *