ފުވައްމުލަކު ފަރަށް އެރި ބާޖެއް

ތަހުޤީގު ކުރަމުންދަނިކޮށް ފުރައިގެން ދިޔަ، ޏ. ފުވައްމަލަކު ފަރަށް އެރި "އޮލިމްޕިކް ކަނޑިލޯ" ނަމަކަށް ކިޔާ ބާޖުގެ ވެރިފަރާތް އެއްސަތޭކަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޏ ފުވައްމުލައް އިރު-ދެކުނު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް، މެއިންލޭންޑް ޝީޕިންގ ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ދިވެހިރާއްޖެއަށް ހިލަ ހިފައިގެން އައިސްފައިވާ "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖަށް ބަރުކޮށްފައިވާ ހިލަތައް ބޭލުމަށްޓަކައި އެ ޖެޓީއާ ކައިރި ކުރުމުގެ ތެރޭގައި 07 ޖުލައި 2023 ވަނަ ދުވަހު ޏ. ފުވައްމުލަކު ފަރަށް އުރި އެ ބާޖަށް ބަރުކޮށްފައިވާ ބޮޑު ހިލަތައް ފަރު މައްޗަށް ވަނީ އެޅިފައި ކަމަށެވެ.

އެހެންނަމަވެސް އެ މައްސަލަ ތަހްގީގު ކުރަމުންދަނިކޮށް ބާޖު ފުންކޮށްގެން އެ ބާޖުވަނީ ޖުލައި 8 ވަނަ ދުވަހު ފުންކޮށްގެން ފުރައިގެން ގޮސްފައެވެ. އެ ބާޖުގެ މައްސަލަ އީފީއޭއިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އެ ހާދިސާ އާއި ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކުރުމަށް 22 ޖުލައި 2023 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެ ބާޖު ފަރަށް އުރި، ބާޖަށް ބަރުކޮށްފައިވާ ހިލަތަށް އެޅިފައިވާ ސަރަޙައްދަށް ޒިޔާރަތްކޮށް ކުރިޔަށް ގެންގޮސްފައިވާ ސާރވޭއިން ޏ. ފުވައްމުލަކު ފަރުގެ 4306 (ހަތަރުހާސް ތިންސަތޭކަ ހައެއް) އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމާއި، ފަރުމައްޗަށް ފޭބި ހިލަތަކުން ފަރުގެ އެ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ދެނެގަނެވިފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖުރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ޏ. ފުވައްމުލައް ފަރުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 162,745,500/-ރ (އެއްސަތޭކަ ފަސްދޮޅަސް ދެ މިލިއަން ހަތްލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ ރުފިޔާ) ކަމުގައި ވީނަމަވެސް ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100,000,000/-ރ (އެއްސަތޭކަ މިލިއަން ރުފިޔާ) ކަމުގައިވާތީވެ، އެއްސަތޭކަ މިލިއަން ރުފިޔާ އިން "Olympic Kandilo" ނަމަކަށް ބާޖުގެ ވެރިފަރާތް ޖޫރިމަނާ ކުރެވިފައިވާކަމާއި، ޖޫރިމަނާއަށްވާ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އެ ބާޖުގެ ވެރި ފަރާތްކަމުގައިވާ AFRICEAN PTE. LTD. އަށް 13 ޑިސެމްބަރު 2023 ގައި އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އަދި، ޤާނޫނު ނަންބަރު: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މި ޖޫރިމަނާ އާއި ގުޅިގެން އިސްތިއުނާފު މަރުޙަލާ ނިމުމުން އެޓާރނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އީޕީއޭ އިން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *