ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކުރެވުނު ތުހުމަތުތައް ބެލުމަށްފަހު ރައްޔިތުންނަށް ހާމަކުރުމަށްޓަކައި ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ ހުށަހެޅި ގަރާރު މަޖިލީހަށް މިއަދު ބަލައިގަނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އެ ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓަށް އެހި އިރު ތަޅުމުގައި 56 މެންބަރުން ހާޒިރުވެ ތިއްބެވެ.

އެހެންވެ އެ މައްސަލަ މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ, 241 ކޮމިޓީ އަށް ފޮނުވަން ނިންމާ ކަމަށް ރިޔާސަތުން އިއުލާން ކުރި އެވެ.

މި ޤަރާރުގައި ބުނާގޮތުން ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތާއި ސިޔާދަތަށް އަސަރު ކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. އެހެންކަމުން ރައްޔިތުންނަށް އެކަންތައްތަކުގެ ތެދު ދޮގު ހާމަކުރުމާއި ރާއްޖޭގެ ހަމަޖެހުމަށާއި މަސްލަހަތު ހިމާޔަތްކުރުމަށް މިއީ މުހިންމު ޤަރާރެއް ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ތަހުގީގުކޮށްދޭން އެދުނު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ތިބި ކަމަށް ބުނާ ހަތިޔާރާ އެކު ތިބި އެތައް ހާސް ސިފައިންނާއި ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް ގޮތް ނިންމި ކަމަށާއި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނާ ވާހަކަތައް ހިމެނެއެވެ.

ޕަބްލިކް އިންކުއަރީ ހަދަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ފާސްކޮށްފައިވަނީ އއ. އުކުޅަހުގައި އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *