ގދ. ތިނަދޫގެ މިހާރުގެ ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ނިންމާ އެ ހައިސިއްޔަތު ދިނުމަށް މުވައްސަސާތަކަށް އަންގަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ތިނަދޫގައި މިހާރު އޮތް ކައުންސިލަށް ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތައް ދިނުމުގައި ހުރި އިދާރީ ގޮންޖެހުންތައް ހައްލު ކޮށްދިނުމަށް އެދި އެ ރަށުގެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު މިއަދު ލާމަރުކަޒީ ކޮމެޓީން ނިންމާފައި ވަނީ، ރަށު ކައުންސިލް ދައުރުގެ މެދު ތެރެއިން ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ނަމަ، އެ ކައުންސިލްގެ ހައިސިއްޔަތު ސިޓީއެއްގެ ދަރަޖަ އަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި، ކައުންސިލާ މުހާތަބު ކުރަން ޖެހޭނީ ސިޓީ ކައުންސިލެއްގެ ގޮތުގައި ކަމަށާއި ކައުންސިލްގެ ރައީސަކީ އެ ސިޓީގެ މޭޔަރު ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިއަށް، ސިޓީއެއްގެ ދަރަޖަ އެ ކައުންސިލަކަށް ދީފިނަމަ އެއިރު އޮތް ކައުންސިލުގެ ދައުރު ހަމަވަން ދެން ސިޓީ ހިންގާނީ އެެއިރު އިންތިހާބު ކޮށްފައިވާ ރަށު ކައުންސިލަކުންނެވެ.

ގާނޫނުގައި އެ ގޮތަށް ބަޔާން ކުރާތީ، ލާމަރުކަޒީ ކޮމިޓީއަށް ވެސް ފެނުނީ މިހާރު އޮތް ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ނިންމުމަށެވެ. އަދި އެ ރަށުގައި ސިޓީ ކައުންސިލްގެ އިދާރާ ގާއިމުކޮށް، ސިޓީ ކައުންސިލަކަށް ލިބިދޭ ހުރިހާ ބާރުތަކެއް ވެސް އެ ރަށުގެ ކައުންސިލަށް ދިނުމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދަރަޖަ ދެއްވާފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެރަށަށް ވަޑައިގެން، އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *