އަލުން މި ނުކުންނަނީ އެމްޑީޕީގެ މި އަލިގަދަ ރީނދޫކުލަ މާލޭގައި ފާއްދާލުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވަނީ މާލެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓާއި އިތުރު ތިން ދާއިރާއަކުން ކައުންސިލަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފު ކޮށްދެއްވާފައެވެ.

އެގޮތުން މާލެ ސިޓީ މޭޔަރު ކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ ހައްވާ ނިހްލާ އެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ އަހްމަދު އިމްރާން އެވެ. އަދި މީގެއިތުރުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމަށް ވާދަކުރައްވަނީ އަހްމަދު ރިޟްވާން އެވެ.

ޝާހިދު ވިދާޅުވީ މި ކެންޑިޑޭޓޫންގެ ފަހަތުގައި ސަފުތައް އަތުރާލަނީ މި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، މާލެ ފެހި ފަހި ތަނަވަސް މާލެއަކަށް ހަދައިދިނުމަށް ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި 2008ގެ ޤާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމު ހިމެނެނީ އެމްޑީޕީން ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުން ނޫނީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގުމުގެ ފުރުސަތު ދެއްވާފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިދިޔަ ފަސް އަހަރުގައި ހުރިހާ ކައުންސިލްތަކަށް އެ ފުރުސަތު ވަނީ ދެއްވާފައިކަން ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އެ ފުރުސަތުގެ ދަށުން މާލެ ސިޓީ ކައުންސިލް ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އުންމީދަކީ މި ކެނޑިޑޭޓުންނާއެކު ނިކުމެ ލާމަރުކަޒީ އުސޫލުގެ ދަށުން މާލެ އަށް ބޭނުންވާ ފެހި ފަހި ތަނަވަސް މާލެ ހޯއްދަވައިދެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމު އުފެދުނީއްސުރެ މި ނިޒާމު ހަލާކޮއްލަން އުޅުއްވާ ބަޔަކަށް މި ނިޒާމު ހިންގޭނީ ކިހިނަކުންތޯ ޝާހިދު ވަނީ ސުވާލު އުފައްދަވާފައެވެ.

އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ވާހަކަ މިއަދު ދައްކާއިރު ބިރުގަނެ ހިތައް ތަދުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއީ އަލުން އެޓޯލްސް މިނިސްޓްރީ އުފެދިގެން އުފެދި، އެ މިނިސްޓްރީގެ ދަށުން ރާއްޖޭގެ ކައުންސިލްތައް ހިންގަންފެށުމުން މި ސޮއްސައިލައިގެން ދަނީ 1980ގރ އަހަރުތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި މާލޭގެ މޭޔަރަކީ ބޮޑު ކަތީބެއް ނޫންކަމަށާއި، ކައުންސިލަރުންނަކީ އަތްދަށު ވަޑިންނެއް ނުވަތަ ކުޑަ ކަތީބުންނެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *