ޕާކިސްތާނުގެ ފާމިކްސް ލެބޯރަޓޯރީ ކުންފުނިން އުފައްދާފައިވާ ދަށް ސްޓޭންޑަޑެއްގެ ސިރަޕް ބޭސްތަކެއްް ރާއްޖޭގައި ވިއްކަމުންދާކަމަށް ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވާ ރާއްޖޭގައި ވިއްކަމުންދާ މި ދަށް ސްޓޭންޑަޑުގެ ބޭސްތަކަކީ އެލަރގޯ ސިރަޕް އާއި އެމިޑޯން ސަސްޕެންޝަން އާއި މިއުކޮރިޑް ސިރަޕުގެ އިތުރުން އަލްކޮފިން ސަސްޕެންޝަނާއި ޒިންސެލް ސިރަޕްއެވެ. އަދި މި ބާވަތްތަކުގެ ތެރެއިން 23 ބެޗެއް ހުރީ ދަށް ސްޓޭންޑަޑެއްގައިކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ފާއިތުވި ނޮވެމްބަރު މަހު މި ބޭސްތަކުގެ 5 ސާމްޕަލެއް ސްކްރީންކޮށްފައިވާއިރު ޓެސްޓުކުރި މާއްދާތައްކަމަށްވާ ޑައިއެތްލީން ގްލައިކޯލް އަދި އެތްލީން ގްލައިކޯލް ހުރީ ބަލައިނުގަނެވޭނެ މިންގަނޑަކަށް ކަމަށާއި ޓެސްޓުކުރި ހުރިހާ ބެޗެއްގައިވެސް އެތްލީން ގްލައިކޯލްގެ މިންގަނޑުތައް ހުރީ ގަބޫލުކުރެވޭ މިންގަނޑަށްވުރެ މަތީގައިކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

މިންގަނޑުގެ ގޮތުން ބަލާނަމަ 0.10 އިންސައްތަ ބަލައިގަންނައިރު ޓެސްޓުކުރި ބެޗުތަކުގައި ހުރީ 0.62 އާއި 0.82 އިންސައްތަ ދެމެގައިކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ފާމިކްސް ކުންފުނި ޑަބްލިއުއެޗްއޯ އިން ތަހުގީގުކޮށްފައިވާއިރު އެ ކުންފުނިން އުފައްދާ އެހެން ބާވަތްތައްވެސް އެތްލީން އަދި ޑައި އެތްލީން ގްލައިކޯލްގެ ސަބަބުން ތަގައްޔަރުވެފައިވުން އެކަށީގެންވާކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ބޯ ބޭހުގެ ބާވަތްތައް އުފެއްދުން އެ ކުންފުންޏަށް ހުއްޓާލަން އަންގާފައިވާކަމަށާއި އެ ކުންފުނިން އުފައްދާ ފަސް ބާވަތެއްގެ ސިރަޕު އަނބުރާ ހޯދުމަށްވެސް އިއުލާނުކޮށްފައިވާކަމަށް ބައިނަލްއަގުވާމީ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން އިތުރަށް ބުނީ ސަބްސްޓޭންޑަޑު ތަކެތި ބޭނުންކުރަން ރައްކާތެރި ނޫންކަމަށާއި ހާއްސަ ގޮތެއްގައި އެ ތަކެތި ކުޑަކުދިންނަށް ދިނުން ރައްކާތެރިނުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *