ރާއްޖޭގައި ބަޔަކު މަސް ބާނަނީ: ފޮޓޯ: މިފްކޯ

43 ވަނަ މަސްވެރިންގެ ދުވަހުގެ މުނަސަބަތާ ގުޅިގެން މިފްކޯއިން "މިފްކޯ ކުޑަކުދިންގެ ހަވީރު" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ކުޑަކުދިންގެ ހަވީރު ބޭއްވުމުގެ މަގްސަދަކީ މަސްވެރިކަމުގެ ސިނާއަތާ ގުޅުންހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސާކޮށް އެ ސިނާއަތާމެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުންކަމަށެވެ.

މިނިސްޓްރީން ބުނީ މިފްކޯގެ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރުގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވީރު 4:00 ކުން 6:00 ކަށް ކަމަށެވެ.

ހުނަރުވެރި ހޭލުންތެރި އަދި ޝައުގުވެރިކަމާއި އެކު ކުދިންނަށް ހޭދަ ކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށްޓަކައި އެ ހަވީރަށް ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އިވެންޓަށް ވަންނަ މަގު ހާއްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގެ ތެރެއިން ފެނިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެތެރެއިން މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި، ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެހި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިނާމްތަކެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މަސްވެރިކަމާއި ގުޅޭ ހަރަކާތްތަކުގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ، ކުދިން ޝައުގުވެރިވާފަދަ ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިނިސްޓްރީން ބުނެއެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޭމްތަކެއްވެސް މި އިވެންޓްތެރޭގައި އިންތިޒާމް ކުރެވިފައިވާނެކަމަށް އެފަރާތުން ބުނެއެވެ.

މި ކުޑަކުދިންގެ ހަވީރު ވެގެންދާނީ މަސްވެރިކަމުގެ ސިނާއަތާއި ބެހޭ ތަފާތު މައުލޫމާތު ކުދިންނަށް ލިބިގެންދާ އަދި އާއިލާއާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ފިޝަރީޒް މިނިސްޓރީން ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *