ޑރ. މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފަސްޓް ލޭޑީ އަށް ވަޒީފާގައި ދެމިހުންނެވުމަށް ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ އެ ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ފަސްޓް ލޭޑީއަށް ހާއްސަ އުސޫލަކުން ވަޒީފާ އަދާކުރެއްވުމުގައި ގޮތްތަކެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެ މައްސަލަ އެ ކޮމިޓީން ބެލުމަށް އޭނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ހުށަހަޅާފައެވެ. އަދި މި ހުށަހެޅުމަށް ކޮމިޓީން ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ސުވާލުކުރުމަށެވެ.

ޔައުގޫބުގެ މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ ތާއީދުކުރައްވާފައެވެ. މި ހުށަހެޅުމަށް ތާއީދުކޮށް އަހުމަދު އަބްދުﷲ ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ ގޮތެއް ހަމަޖައްސައިދެނީ ސީއެސްސީން ޤާނޫނީ އިމުގެ ތެރެއިން ޤާނޫނާ އެއްގޮތަށްތޯ ކޮމިޓީން ލިޔުމުން ވިޔަސް ސާފު ކުރަން ޖެހޭ ކަމަށެވެ.

ސީއެސްސީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވަނީ މި މައްސަލައާއި ގުޅިގެން ކޮމިޓީން ނެގި ވޯޓުންނެވެ.

މި ނިންމުމާއެކު ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ދެން އެންމެ އަވަހަށް ކޮމިޓީ ބޭއްވޭނީ އަންނަ ހޯމަ ދުވަހު ކަމަށާއި އެ ދުވަހު ސީއެސްސީގެ މެންބަރުންނަށް ވަޑައިގެންނެވެން އޮތް ނަމަ އެކަން ތާވަލުކުރައްވާނެ ކަމަށެވެ.

އަދި ސީއެސްސީގެ މެންބަރުން ހާޒިރުކުރެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި އެކަން ކުރައްވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާއަކީ މޯލްޑިވްސް ފްޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. އަދި ރާއްޖޭގައި އެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ އެކަމަނާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *