އިންޑިއާ ސިފައިން ބޭލުމަށް ވި އެއްބަސްވުން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައިމިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު އެއްބަސް ވެވަޑައިގެންފައިވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

މިއަދުގެ މަޖިލީސް ޖަލްސާގައި މިމައްސަލަ ހުށައަޅުއްވާފައިމިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. މިއަދުގެ ޖަލްސާގައި ވަނީ މި ކުއްލި މައްސަލައަށް ބަހުސްކުރުމަށް ފާސްކޮށް ބަހުސްކޮށްފައެވެ.

އަހުމަދު ވިދާޅުވީ ރައީސް މުއިއްޒު ދުބާއީގެ ކޮޕްސަމިޓުން އެނބުރި ރާއްޖެއަށް ވަޑައިަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމާ ބެހޭގޮތުން އިންޑިއާގެ ބޮޑުވަޒީރާ އެކު އެއްބަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ކުރެއްވި ކެމްޕެއިނުގައި އިންޑިއާގެ ހަތިޔާރީ އެތައް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެ ކަމުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބައިނަލްއަގުވާމީ މީޑިޔާގައި ރައީސް ވާހަކަފުޅު ދައްކަވާފައިވާކަމަށް މެންބަރު ފާހަގަކުރައްވާފައެވެ.

މެންބަރު އަހުމަދު އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ހަދާފައިވާ އެގްރީމަންޓްގައި ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ ކަންތައްތައް ހިމެނޭ ކަމަށާއި އެ އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާކަމަށެވެ.

އަދި ވެރިކަމަށް ވަޑައިގެން އެ އެއްބަސްވުންތައް ހާމަ ކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ވެރިކަމަށް ވަޑަިއގެން ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވީ އިރުވެސް އެ އެއްބަސްވުންތައް ހާމަ ނުކުރައްވާ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އިންޑިޔާގެ ބޮޑުވާޒީރާ އެކު ހައްދަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ހާމަކުރެއްވުމަށް މެންބަރު ގޮވާލާފައެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލާއާއި ގުޅިގެން ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓުން ވަނީ މައްސަލައަށް ބަހުސްކުރަން މަޖިލީހުން ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *