ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި އަބްދުﷲ ރަޝީދު

ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުންކަމަށް ނިންމައި ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފޮނުވައިފި އެވެ.

އަބްދުﷲ ރަޝީދު ނިޔާވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތުގައެވެ. އަބްދުﷲ އެވަގުތު އޭނާގެ މެއަށް ތަދުވާތީ އެހީއަށް އެދުނު ނަމަވެސް ފުލުހުންވަނީ އަބްދުﷲގެ ސިއްހީ ހާލަތު ގޯސްވާކަމަށް ނުބެލެވޭކަމަށް ބުނެ އެކަމާ ދެކޮޅުހަދާފައެވެ. އެ މަންޒަރު ދުއް ލޯންޗުގައި ތިބި ބައެއް މީހުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ރަޝީދު ނިޔާވުމުގެ ކުރިން އޭނާ ވަނީ އެވަގުތު ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދި އާދޭސްކޮށްފައެވެ.

އެ މައްސަލައިގައި އާއިލާއިންވެސް ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް، ފުލުހުންގެ އިހުމާލު ބޮޑުކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އަބްދުﷲގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އެތައްފަހަރެއްގެ މަތިން ހުށަހެޅުމުން ވެސް އަބްދުﷲ ގެ މޫނު ދައްކާފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.

ދެ ދުވަސް ވަންދެން، އާއިލާގެ މެމްބަރުން ގަލޮޅު މޯޗަރީ ކައިރީގައި ހަށިގަނޑު ހަވާލު ކުރުމަށް އެދި އާދޭސް ކުރަން ފެށުމުން ފުލުހުންގެ މުއައްސަސާގެ މައްޗަށް ކުރެވޭ ބޮޑު ތުހުމަތުގެ ހަގީގަތް އެނގެން ޖެހޭކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ކަމަށް ބުނި ކަމަށް އަބްދުﷲގެ އާއިލާއިން ބުނެފައިވެއެވެ.

އަބްދުﷲގެ އާއިލާއިން ވަނީ ޕޯސްޓް މޯޓަމް ހެދުމަށް ދެކޮޅު ހަދައި އެފަދަ ރިޕޯޓަކުން ފުލުހުންގެ އިހުމާލެއް އޮތްކަން ނޭނގޭނެކަމަށް ބުނެ އިތުރު އެއްވެސް ޓެސްޓުތަކެއް ހަދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.މިކަމާއި ގުޅިގެން މައްސަލަ ކޯޓަށް ހުށަހެޅިނަމަވެސް މައްސަލަ ނިމުނީ އާއިލާއާއި ދެކޮޅަށެވެ.

މި މައްސަލައިގައި އޭރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ، މައްސަލާގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި އެކަމުގައި ފުލުހެއްގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިނަމަވެސް އެ ސަރުކާރުގެ ދައުރު ނިމުން އިރުވެސް އެކަމާގުޅޭގޮތުން އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މި މައްސަލާގައި ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފޮނުވާފައިވާއިރު ދައުވާ ކުރުމަށް ފޮނުވި ސީދާ ތާރީހަކާއި ދައުވާ އުފުލަން އެދިފައި ވަނީ ކޮން އޮފިސަރުންތަކެއްގެ މައްޗަށްކަން އަދި މައުލޫމާތު ލިބިފައެއް ނުވެއެވެ.

އެންއައިސީން ވަނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާންތައް ނަގައި، ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުގައި ތިބި ބަޔަކާއި ވެސް ސުވާލުކޮށް ބަޔާން ނަގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *